ޚަބަރު

ކުޅުދުއްފުށިން 120 ގޯތި ދޫކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީން ދީފި


ކުޅުދުއްފުށިން 120 ގޯތި ދޫކުރުމުގެ ހުއްދަ ހައުސިންގ މިނިސްޓްރީ ދީފި އެވެ. ހައުސިންގ މިނިސްޓްރީން މި ހުއްދަ ދީފައިމިވަނީ ކުޅުދުއްފުށީގެ ގިނަބަޔަކު ގެވަޅު ހޯދުމަށް ކައުންސިލްގައި އެދެމުންދަނިކޮށެވެ.

އެގޮތުން މިމަހުގެ ތެރޭގައިވެސް ދެ ފަހަރެއްގެ މަތިން ޒުވާނުތަކެއް ވަނީ ކައުންސިލާ ބައްދަލުކޮށް ގެވަޅު ހޯދައިދިނުމަށް މަސައްކަތްކޮށް ދިނުމަށް އެދިފަ އެވެ.
ޒުވާނުންގެ ޝަކުވާތަކަށް އިޖާބަ ދިނުމުގެ ގޮތުން ކައުންސިލުން ވަނީ ގެވަޅު ދޫކުރުމުގެ ހުއްދައަށް ހައުންސިންގ މިނިސްޓްރީގައި އެދިފަ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ ޒުވާނުން އެދުމުގެ މަތިން ގޯތި ދޫކުރުމުގެ ހުއްދައަށް ކައުންސިލުން އެދުމުން އެކަމުގެ ހުއްދަ ހައުސިންގ މިނިސްޓްރީން މިހާރު ދީފައިވާކަމަށެވެ.

އެގޮތުން 1400 އަކަފޫޓްގެ 120 ގޯތި ދޫކުރުމުގެ ހުއްދަ ކައުންސިލަށް ދީފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ހާޝިމް ވިދާޅުވީ އެ 120 ގޯތި ދޫކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކައުންސިލުން މިހާރު ކުރަމުންދާ ކަމަށެވެ. ގޯތިތައް ދޫކުރަން ނިންމާފައިވަނީ ކޮން ސަރަހައްދަކުން ކަމެއް ކައުންސިލުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ބިމުގެ ޖާގައި ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކުޅުދުއްފުށިން ގެވަޅު ދޫކުރުމުން ބޯހިޔާވަހިކަމަށް މިހާރު ކުރިމަތިވެފައިވާ މައްސަލަ މުޅިން ހައްލު ނުވާނޭކަމަށް ކައުންސިލުން މީގެކުރިން ވަނީ ބުނެފައެވެ. ކުޅުދުއްފުށީ ކައުންސިލްގެ ވިސްނުމަކީ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބޭނޭހެން ފެންވަރު ރަނގަޅު ފުލެޓް އެޅޭނެ ގޮތެއް ހޯދުން ކަމަށް ކައުންސިލްގެ ރައީސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އާބާދީގައި 10،000 ހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކުޅުދުއްފުށީގައި މިހާރުވެސް 1300 އަށްވުރެ ގިނަ މީހުން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބިކަމަށް ކައުންސިލް އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.