ރާއްޖޭގެ ކުޅިވަރާއި ފުޓްބޯޅަ އަށް ވެސް ދިމާވެފައިވާ މައްސަލަ އަކީ ޤައުމުގެ ޑިމޮކްރަސީ ހަރުދަނާނުވުން ކަމަށް އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހާމިދު އަބްދުލްގަފޫރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޝޯގައި ވާހަކަ ދައްކަމުން ހާމިދު ވިދާޅުވީ އެފްއޭއެމުގައި ގައުމީ އެސޯސިއޭޝަނެއްގެ ސިފަ ނެތް ކަމަށެވެ. އަދި އެ ސިފަ ގެނައުމަށް މުޅި ރާއްޖެ ޝާމިލްވާ ގޮތަށް އެފްއޭއެމް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރައްވާފައިވާ ހާމިދު ވިދާޅުވީ އެފްއޭއެމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނީ ކުލަބުތައް ވެސް ހަރުދަނާ ވެގެން ކަމަށެވެ. އަދި ގައުމީ އެސޯސިއޭޝަނެއްގެ ސިފަ ގެނުވައި މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާ ކުރުމަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަކިވަކިން ލީގު ކުޅެ އެފްއޭއެމުގެ އޮފީސްތައް ހުރެ ވޯޓު ލުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށާއި މި ގޮތުން މިހާރު ކައުންސިލްތަކުގެ ޓީމުތަކައް މުބާރާތްތަކުގައި ކުޅުމުގެ ބަދަލުގައި ރަށްރަށުގައި އުފެދިފައިވާ ޖަމިއްޔާތަކަށް ފުޓްބޯޅަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެފްއޭއެމުގެ އަސާސީ ގަވާއިދު މިހާރު އޮތީ ވަރަށް ދޯދިޔާކޮށް ކަމަށާއި އެ ގަވާއިދު އިސްލާހުކޮށް މުޅި ރާއްޖެ ހިމެނޭ ގޮތަށް ވޯޓިން ފުރުސަތުދޭނަމަ އެފްއޭއެމުގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށެވެ. އަދި ކުޅިވަރާއި ސިޔާސީ ކަންކަން މައްސުނިކޮށް ތަން ހިންގަވާނެ ކަމަށެވެ.