ޚަބަރު

ވަޓްފޯޑް ބަލިކޮށް ލިވަޕޫލް އެއްވަނަ މަގާމް ދަމަހައްޓައިފި


ވަޓްފޯޑް 5-0އިން ބަލިކޮށް އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނަ މަގާމް ލިވަޕޫލް ދަމަހައްޓައިފިއެވެ.

ސާދިއޯ މާނޭ އާއި ޑިފެންޑަރު ވާޖިލް ވެންޑައިކްކުރެ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު މި މެޗުގައި ޖެހިއިރު އަނެއް ގޯލު ޖެހީ ޑިވޮކް އޮރީޖީއެވެ.

ކޯޗު ޔާގެން ކްލޮޕް ބުނީ މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކާއެކު ކުޅެ އޭނާގެ ޓީމު މޮޅުނުވި ނަމަވެސް ރޭގެ މެޗުގައި ޓީމުގެ ފޯމު ފެނިގެންދިޔަ ކަމަށް. އަދި އޭނާ އުއްމީދު ކުރަނީ މި ފޯމުގައި ލީގުގައި ބާކީހުރި މެޗުތައް ނިންމާލުމަށް ކަމަށެވެ.

ކްލޮޕް ބުނީ ކޮންމެ ޓީމަކަށް ވެސް އުނދަގޫ ވަގުތު އަންނާނެ ކަމަށާއި ލިވަޕޫލަށް ފެބްރުއަރީ މަހަކީ އެހާ ހިތްހަމަޖެހޭ ނަތީޖާތަކެއް ލިބުނު މަހެއްނޫން ކަމަށެވެ. ލިވަޕޫލަށް އެއްވަނަ މަގާމު ލިބެނީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. އެ ޓީމަށް 69 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 68 ޕޮއިންޓެވެ.

އިނގިރޭސި ލީގުގައި ރޭ އާސެނަލް މޮޅުވީ ބޯނެމައުތު އަތުން 5-1އިންނެވެ. މި މެޗުގައި ލަނޑު ޖެހީ މެސުޓް އޮޒިލް އާއި ހެންރިކް މިކިތާރިއަން އާއި ލޯރަންޓް ކޮޝިއެލްނީ އަދި ޕެޓްރިކް އައުބްމިޔަންގާއި އެލްގެޒެންޑާ ލަކަޒާޓޭއެވެ.

މި މޮޅާއެކު އާސެނަލް އަށް 56 ޕޮއިންޓާއެކު ލިބިފައިވަނީ ޓޭބަލުގެ ހަތަރުވަނަ މަގާމެވެ. އެ ޓީމަށްވުރެ އެއް ޕޮއިންޓް މަދުން ފަސް ވަނާގައިވަނީ މެންޗެސްޓާ ޔުނައިޓެޑެވެ. ރޮމެލޫ ލުކާކޫގެ ދެ ގޯލާއި އޭޝްލީ ޔަންގެ ޖެހި ގޯލުން ރޭ ޔުނައިޓެޑް މޮޅުވީ ކްރިސްޓަލް ޕެލަސް އަތުން 3-1 ނެވެ.

މެޗަށް ފަހު ކޯޗު އޮލެގާނޯ ސޮލްޝަޔާ ބުނީ މި މެޗަކީ ގަދަ ހަތަރަކަށް އެރުމަށް މުހިންމު މޮޅެއް ކަމަށާއި ޓީމުގެ ފޯމާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ލިބުނު މުހިންމު މޮޅެއް ކަމަށް ވެސް އޭނާ ސިފަކުރިއެވެ.