ރިޕޯޓް

މުޅި މާމެންދޫ، ޝިމާ ފެންނާނެ އިރެއްގެ އިންތިޒާރުގައި!


ގދ. ފިޔޯރީ ޢުމުރުން 19 އަހަރުގެ ޝިމާ ގެއްލިފައިވަނީ މިމަހުގެ 22 ވީ ހުކުރު އޭނާއާއި އިތުރު މީހަކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުންޖަހާލުމާއި ގުޅިގެންނެވެ. ލ. ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ދަތުރުކުރަމުންދިޔަ އެ ޑިންގީ ބަންޑުން ޖަހާލީ ހުކުރު ދުވަހުގެ އިރުއޮއްސި 18:30 ހާއިރުއެވެ. މި ޙާދިސާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައިވަނީ އެރޭ 21:30 ހާއިރެވެ. ޝިމާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ހުއްޓުމެއްނެތި މިހާރުވެސް ކުރަމުންއެބަދެއެވެ. އެމްއެންޑީއެފުން ވިދާޅުވީ ޝިމާ ގެއްލުނު ހާދިސާއާ ގުޅިގެން، ޑިންގީ ބަންޑުންޖަހާލިކަމަށް ބުނާ ސަރަހައްދާއި، އެ ސަރަހައްދާ ކައިރި ހިސާބުތަކާއި އެދުވަހުގެ އޮޔާއި ވައި ހުރިގޮތުން ޝިމާއާއި އޭނަ ދަތުރުކުރި ޑިންގީ ބެހިގެން ގޮސްދާނެކަމަށް ލަފާކުރެވޭ ހުރިހާ ސަރަހައްދެއްވެސް މިހާރު ބަލައި ފާސްކުރެވިއްޖެކަމަށެވެ. ނަމަވެސް ޝިމާގެވެސް އަދި ޑިންގީގެވެސް އެއްވެސް ނިޝާނެއް އަދި ފެނިފައި ނުވާކަމަށެވެ.

އުމުުރުން 19 އަހަރުގެ ޝިމާ ގެއްލުނުގޮތާއި، އެ ޙާދިސާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ޕީ.އެސް.އެމްގެ ޓީމުގެ ފަރާތުން އަޅުގަނޑު މާމެންދޫއަށް ދިޔައީމެވެ. މި ޙާދިސާއާއި ގުޅޭ އިތުރުކަންކަން އޮޅުންފިލުވުމަށް ކުރި ދަތުރުގައި މާމެންދޫ ކައުންސިލާއި، އެރަށުގެ ބައެއް އާއްމުންނާއި ވާހަކަދައްކާލީމެވެ.

ޝިމާ ގެއްލުނު ސަރަޙައްދަށް އެންމެ ފުރަތަމަ ދެވުނީވެސް ކައުންސިލަށް!

މާމެންދޫ ކައުންސިލްގެ ނާއިބު ރައީސް ޙުސެއިން ޙަބީބު ޢަލީ ވިދާޅުވިގޮތުގައި ޝިމާ ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލި ޚަބަރު ލިބުނީ، އޭނާއާއި މާމެންދޫ ކައުންސިލްގެ ރައީސާއި ކައުންސިލް މެމްބަރަކު ފުނަދޫގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވުމަށްފަހު އެނބުރި ރަށަށް އައުމަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ. އަދި އެ ޚަބަރު ލިބުމާއެކު ރަށަށްއުމުގެ ބަދަލުގައި ޑިންގީ ބަންޑުން ޖަހާލިކަމަށްބުނާ ގާދޫ ކަނޑުއޮޅިއާ ދިމާލަށް އެމީހުން ދަތުރުކުރި ލޯންޗުގެ މިސްރާބު ބަދަލުކޮށްލިކަމަށާއި، އެ ސަރަޙައްދަށް އެންމެ ފުރަތަމަ ދެވުނީވެސް އެމީހުންނަށްކަމަށެވެ.

ނަމަވެސް އެ ސަރަޙައްދުން އެވަގުތު ޑިންގީއެއް ބަންޑުން ޖަހާލިކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށް ޙަބީބު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެރޭ ފުނަދޫއިން ފުރީ ގާތްގަނޑަކަށް ނުވަގަޑި ބައިވަނިކޮށް.. ލޯންޗުގައި ފުރައިގެން އައިސް ސިކްސް ސެންސަސް ރިސޯޓާއި އަރާ ހަމަވަނިކޮށް ރަށު މީހަކު ގުޅާފަ ބުނީ ޑިންގީއެއް ބަންޑުން ޖަހާލައި، އޭގަ އިން އެކަކު އަދިވެސް ކަނޑުމަތީގައި އޮތް ވާހަކަ.. އެ ހިސާބުން އަޅުގަނޑުމެންވެސް އަވަސްވީ އޭނާ ހޯދުމަށް.. އެ ރިސޯޓުގެ ހުޅަނގުފަޅި ބަލާފައި، އެ ސަރަޙައްދު ވަށައިގެންވެސް ބަލަމުން ދިޔައީ.. އެރޭގެ އެގާރަގަޑި ބައިވާންވާއިރަށް ސިފައިންނާއި، މި ހިސާބުގަނޑުގައި އުޅޭ އެހެން ލޯންޗުތަކާއި ދޯނިފަހަރާއި އެއްޗެހިވެސް ޝިމާ ހޯދަން ނުކުމެއްޖެ" މާމެންދޫ ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގައި ގާތްގަނޑަކަށް 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ މާމެންދޫ ރައްޔިތެއްކަމަށްވާ ޢަލީ ޝަރީފް ބުނިގޮތުގައި ގާދޫ ކަނޑުއޮޅިއަކީ ހުރިހާ މޫސުމަކަށްވެސް އާއްމުކޮށް ވަރަށް އޮއެބާރު ކަނޑުއޮޅިއެއްކަމަށެވެ. އަދި އެ ޙާދިސާ ހިނގި ދުވަހަކީ ވަރަށް ވައިވެސް ގަދަ ދުވަހެއްކަމުން ފުރުޞަތު ބޮޑީ ބަންޑުން ޖަހާލި ޑިންގީ އަތޮޅުން ބޭރަށް އޮޔާ ދިއުންކަމަށެވެ.

"ހަނދާއި އޮއިވަރާއި އާއްމުކޮށް ވަރަށް ދިމާވާނެ.. މަދު ފަހަރެއްގައި ދިމާނުވެ ދާނީ. ދެން އެގަޑީގައި އިންނާނީ ބޭރު އޮއިވަރު. ބޭރު އޮއިވަރު ހުރެއްޖެއްޔާ އަހަރުމެންނަށް ބޮޑަށް ލަފާކުރެވެނީ އެ ޑިންގީ ދާނީ އޮތަޅާ ބޭރަށޭ. އެތެރެއަށް ވަނުމުގެ ފުރުޞަތު ވަރަށް ކުޑަ. އަނެއްކާ އެދުވަހު ވައިވެސް ވަރަށް ގަދަ. އެހެންވީމަ އެހާ އޮއެގަދަ ހިސާބެއްގައި ވައިގަދަވީމަ އޭތިދާނީ ބޭރަށް." ލ.މާމެންދޫ ރައްޔިތެއްކަމަށްވާ ޢަލީ ޝަރީފު ބުންޏެވެ.

ޝިމާ އަބަދުވެސް މޫދުދެކެ ބިރުގަނޭ - ޝީމާ މަންމަ

މާލެކައިރީ ރިސޯޓެއްގައި ވަޒީފާ އަދާކުރުމަށްފަހު، ޝިމާ މާމެންދޫއަށް ދިޔައީ އޭނާގެ ތުއްތު ތުއްތު ދަރިފުޅު ގާތަށެވެ. ނަމަވެސް ގުދުރަރުގެ ނިޔާހުރިގޮތުން ދަތުރު ވަކި ހިސާބަކުން ހުއްޓުނީއެވެ. ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ޒުވާން ޝިމާ ދަތުރުކުރި ޑިންގީ ބަންޑުންޖަހާލާ، ވީނުވީއެއް ނޭނގި އޭނާ ގެއްލުނީއެވެ.

އަޅުގަނޑުގެ މިދަތުރުގައި މާމެންދޫގައި ދިރިއުޅޭމުންދާ ޝިމާގެ މަންމަ ޝިރުމީނާ އަޙްމަދާއި ބައްދަލުކޮށް، ވާހަކަދައްކާލުމުގެ ފުރުޞަތު ލިބުނެވެ. ހާލަތު ހުރިގޮތުން އޭނާގެ މަންމަ ކެމެރާ ކުރިމައްޗަށް އަރައި އިންޓަރވިދޭން ބޭނުމެއްނުވިއެވެ. އަދި އެނިންމުމަށް އިހްތިރާމްކުރުމުގެ ގޮތުން އެގޭތެރޭގެ އެއްވެސް މަންޒަރެއް ވީޑިއޯކޮށް ފޮޓޯނަގައެއް ނުހަދަމެވެ.

ޝިމާއަކީ ޝިރުމީނާގެ 7 ކުދިންގެ ތެރެއިން 3 ވަނަ އަށް އެންމެ ދޮށީ ދަރިފުޅެވެ. ޝިރުމީނާގެ ވާހަކަތަކުން އެނގުނުގޮތުގައި ޝިމާއަކީ ކަންކަމާ ކުރިމަތިލާންކެރޭ ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ. އާއިލާގެ ހުރިހާ މެންބަރުންނާއިވެސް ގުޅޭ ސަކަމިޒާޖެއްގެ ކުއްޖެކެވެ. ނަމަވެސް އޭނާއަކީ ފެށުނީއްސުރެވެ މޫދުދެކެ އިންތިހާއަށް ބިރުގަންނަ ކުއްޖެކެވެ.

މި ޙާދިސާއާއެކު ޝީމާގެ ޢާއިލާގެ އިތުރުން މުޅި މާމެންދޫއަށްވެސް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ. ޑިންގީ ބަންޑުން ޖަހާލި ޙާދިސާއާއި ގުޅުވައިގެން ދެކެވޭ ތަފާތު ވާހަކަތަކަށް ޝިމާގެ މުޅި އާއިލާ ވަނީ ޖަވާބަކަށް ބޭނުންވެފައެވެ.