ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސްކުރުމަށް ހޯމް މިނިސްޓްރީން އުފައްދަވާފައިވާ މިނިވަން ރަންޔޫބީލް އޮފީސް މިއަދު ހުޅުވައިފިއެވެ.މި އޮފީސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަބްދުﷲ އަމީންއެވެ. މި އޮފީސް ހުޅުއްވައިދެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ދިވެހިރާއްޖެއަށް ލިބިފައިވާ މިނިވަންކަމަކީ ރާއްޖެ އިސްލާމްވުމުގެ ފަހުން ރާއްޖެއަށް ލިބިގެންދިޔަ އެންމެ ބޮޑު ނަސީބު ކަމުގައެވެ. އޭނާ ވިދާޅުވީ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމުގެ ފުރުޞަތު ލިބި، މިއީ ހުރިހާ އެންމެން ގުޅިގެން ކުރާ މަސައްކަތަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި، މި ހަރަކާތްތަކަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގަވާ ހަރަކާތްތަކެއް ކަމަށެވެ.އަމީން ވިދާޅުވީ، އެކި ގޮތްގޮތުން ޤައުމަށް ޚިދުމަތް ކުރައްވާ، ދިވެހިންނާ މިނިވަންކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި، މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި، މިނިވަންކަން ދިފާޢު ކުރެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅުންގެ ޚިދުމަތް މި އަހަރުތެރޭގައި ފާހަގަ ކުރެވިގެން ދާނެ ކަމަށެވެ.މިއަދުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސަލީމް ވިދާޅުވީ މިނިވަން 50 ފާހަގަ ކުރުމަށް ތަފާތު 15 ކަމެއް ކުރަން ނިންމާފައިވާ އިރު، ތިން ހަރަކާތެއް މިހާރު ނިމިފައިވާ ކަމަށެވެ.އޭނާ ވިދާޅުވީ މިނިވަން 50 އާ ގުޅުވައިގެން ދިވެހި ރާއްޖޭގެ ވާހަކަ ސަލްޓަން ޕާކުތެރޭ ފެންނަ ގޮތަށް ހަދަން ނިންމާފައިވާ ކަމަށާއި އެ ވާހަކައިގައި ރާއްޖޭގެ ތާރިހުގައި ހިނގާފައި ހުރި ކަންކަން ދައްކުވައިދޭނެ ކަމަށެވެ. އަދި މިނިވަން 50 އާ ގުޅިގެން ކަޅުއޮއްފުންމި ބަނުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.