ޚަބަރު

ޝަބްވާގެ އަސްކަރީ މަރުކަޒަކަށް ޙޫޘީން ދިން މިސައިލް ހަމަލާއެއްގައި 58 މަރު


ޔަމަނުގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ ތަމްރީނު މަރުކަޒަކަށް ޙޫޘީން ދިން ހަމަލާއެއްގައި 58 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެއެވެ. ޝަބްވާ ޕްރޮވިންސްގެ އަލް-ޢަލަމު ކޭމްޕަށް ތިން މިސައިލް ބޭނުންކޮށްގެން ދިން މި ހަމަލާގައި އިތުރު 14 މީހުން ގެއްލިފައިވާ ކަމުގައި ގަވަރުނަރު ޢިވަޟު އަލް-ވާޒިރު ވިދާޅުވިއެވެ. އެ ސަރަހައްދުން ޢާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ގިނަ ޢަދަދެއްގެ މީހުން ވަނީ ޒަޚަމުވެ ބިމަށް ވެއްޓިފައެވެ. މި ސަރަޙައްދަކީ ޢަދަން ކަނޑަށް ވާގޮތަށް އޮންނަ، އެ ޤައުމުގެ އެންމެ ބޮޑު ސިނާޢީ އިންވެސްޓްމަންޓް ކަމުގައިވާ ބަލްޙާފް ގުދުރަތީ ގޭސް ކާރުޚާނާ ވެސް ހުންނަ މުހިންމު ސަރަޙައްދެކެވެ.

މި ހަމަލާއާ ގުޅިގެން ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވީ، އެ ޖަމާޢަތުން ހަމަލާތައް އަމާޒުކުރީ ސަޢުދީ ޢަރަބިއްޔާގެ ސިފައިން ހިންގަމުން ދިޔަ މަރުކަޒަކަށް ކަމުގައެވެ. އަނެއްކޮޅުން، ކަނޑު ދަތުރުފަތުރުގެ މުހިންމު މަގެއް ކަމުގައިވާ ބާބު އަލް-މަންދަބު ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތައް މިނިވަންކުރުމަށް ސަރުކާރުގެ ފައުޖުތަކުން ވަނީ ފުޅާ އަސްކަރީ ކެންޕޭނެއް ފަށާފައެވެ. ނަމަވެސް، ދެކުނުގެ ފަރުބަދަމަތީ ސަރަހައްދުގައި ސަރުކާރަށް ތާއީދުކުރާ ބާރުތަކުގެ އެންމެ ފަހުގެ މައި މަރުކަޒު ކަމުގައިވާ ތަޢިއްޒު ވަށައިލައި ޙިޞާރުކުރުމަށް ޙޫޘީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ މިހާރު މި ވަނީ އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ އިތުރު މައިދާނަކަށް ބަދަލުވެފައެވެ. ވެރިރަށް ޞަންޢާ 2014 ގައި ޙޫޘީން ހިފުމާ ގުޅިގެން ފެށުނު ހަނގުރާމަ ވަރުގަދަވަމުން ދާއިރު، ސަޢުދީ ޢަރަބިއްޔާގެ މައި ވައިގެ ބަނދަރަށާއި ސަޢުދީ އަރަމްކޯ ތެޔޮ ކުންފުންޏަށް ވެސް ދަނީ ހަމަލާތައް އަމާޒުވަމުންނެވެ. 2022 ވަނަ އަހަރު ޤާއިމުކުރި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ނިމުމަކަށް އައިސް، އެހީދޭ ޖަމާޢަތްތަކުން އިންޒާރު ދޭ ފަދައިން، އެ ޤައުމުގެ އިންސާނީ ކާރިސާ މިހާރު ދަނީ ދުވަހެއް ދުވަހަކަށް އިންތިހާއަށް ގޯސްވަމުންނެވެ.