މިދިޔަ ސީޒަނަށްވުރެ މެންޗެސްޓާ ސިޓީން ދައްކަނީ މޮޅު ކުޅުމެއް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އޭނާ ބުނީ ޕްރެމިއާ ލީގު ކާމިޔާބު ކުރުމަކީ އެ ޓީމުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެކަމަށްޓަކައި ކުޅުންތެރިން ދައްކަނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ.
މިވަގުތު އެއް ޕޮއިންޓްގެ ތަފާތުން ޓޭބަލުގެ ކުރީގައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ސިޓީއެވެ. ނަމަވެސް ގާޑިއޯލާ ބުނީ ދެވަނާގައިވާ ލިވަޕޫލަކީ މޮޅު ޓީމެއް ކަމަށާއި އެ ޓީމުން ނެރޭނެ ނަތީޖާތަކަށް އަބަދުވެސް ސިޓީން ހޭލައި ތިބެންޖެހޭ ކަމަށެވެ. ސީޓީ ދަނީ ހަތަރު މުބާރާތުގައި ކުޅެމުންކަމަށާއި އެއީ އެންމެ އުފާވާކަމަށް ގާޑިއޯލާ ބުންޏެވެ.
ލީގްގައި ބާކީ 10 މެޗް އޮތް އިރު އެއީ އަދި ވަރަށް ގިނަ މެޗެވެ. އަދި މިހާރު ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިކޮށްކަމަށްވެސް ގާޑިއޯލާ ބުންޏެވެ. މިއީ ޓީމްގައި ތިބި ކުޅުންތެރިން ވަރަށް ވިސްނަންޖެހޭކަމެއްކަމަށް ގިނަ ރެކޯޑްތަކަކާއެކު މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރި ކޯޗު ބުންޏެވެ.
ސިޓީން ވަނީ މި ސީޒަނުގައި މިހާތަނަށް އިނގިރޭސި ލީގުކަޕް ކާމިޔާބުކޮށްފައެވެ.