ޓޮޓެންހަމް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗު ކުޅޭނީ އެކުލަބުގެ އާ ސްޓޭޑިއަމުގައި ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް އަތުން 1-0އިން މޮޅުވެ މުބާރާތުގެ ގަދަ އަށަކަށް ދިޔަ މެޗަށް ފަހު އެވެ. ކުއާޓާ ފައިނަލް ކުޅޭނީ އަންނަ އޭޕްރީލް މަހު އެވެ.
ޓޮޓެންހަމުން މިދިޔަ ދެ އަހަރު މެޗުތައް ކުޅެމުންދިޔައީ ލަންޑަނުގެ މަޝްހޫރު ވެމްބަލީ ސްޓޭޑިއަމުގަ އެވެ. އެއީ އެކުލަބުގެ ދަނޑުގެ ކަމަށްވާ ވައިޓްހާޓްލޭން އުވާލައި އާ ދަނޑެއް އެޅުމުގެ މަސައްކަތް ފެށުމުންނެވެ. އާ ސްޓޭޑިއަމް ނިންމައި ދަނޑުގެ ޕިޗު ވެސް މިހާރު އަޅާފައިވާ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.
އޭނާ ބުނީ ކުއާޓާ ފައިނަލް މެޗު އާ ދަނޑުގައި ކުޅުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކުލަބަށް ލިބޭނެ ކަމެއް ކަމަށެވެ.
ޕޮޗެޓީނޯ ބުނީ ޓޮޓެންހަމަކީ މުބާރާތުގެ ސެމީ ފައިނަލަށް ދެވިދާނެ ފެންވަރު ހުރި ޓީމެއް ކަމަށާއި ސީޒަނަކަށް ފަހު ސީޒަނެއްގައި އޭނާގެ ޓީމު ކުރިއަރަމުން އަންނާތީވެ އުފާ ކުރާ ކަމަށެވެ. އަދި މި ދެ ޓީމުގެ ފުރަތަމަ މެޗު 3-0އިން އޭނާގެ ޓީމު ކާމިޔާބުކޮށްފައިވާތީވެ ރޭ ޓީމު ރޭވީ ތަފާތު ގޮތަކަށް ކަމަށެވެ.