އެސްއޯއީގެ ދަށުން ލިބެންޖެހޭ ފައިސާ ލިބޭނެކަމުގެ ޔަގީންކަން ނެތުމުން އެފްއޭއެމްއިން ކުލަބްތަކަށް ފައިސާދޭން ނިންމާފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ. އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލް ކުރުމަށް ވިކްޓްރީ ސްޕޯޓްސް ކުލަބްއިން އެކްޓްރާ އޯޑަނަރީ ކޮންގްރެސްއެއް ބޭއްވުމަށް ވަނީ އެދިފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް ދާއީދުކުރާ ފަސް ކުލަބްއާއި އެކު މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބައްސާމް ވިދާޅުވީ އެންމެ ފުރަތަމަ ސަރުކާރު ބަދަލްވެގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިޙުއާއެކު ބޭއްވި ބައްދަލުންތަކަށްފަހު، އެސްއޯއީގެ ދަށުން ކުލަބްތަކަށް ފައިސާ ލިބޭނެކަމުގެ ޔަގީކަން ލިބިފައިވާކަމަށެއެވެ. ނަމަވެސް ބައްސާމް ވިދާޅުވީ ރައީސް އާއެކު ބޭއްވި ބައްދަލުވުމަށްފަހު، ސަރުކާރުން މިއަދާ ހަމައަށް އައިއިރުވެސް އެކަށީގެންވާވަރުގެ ޖަވާބެއް ލިބިފައިނުވާކަމަށެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިޙުއާއެކު ބައްސާމް ބޭއްވި ބައްދަލުވުމަށްފަހު ފެނިގެންދިޔައީ މިހާރު ގޭގައި މަޑުކުރުމަށް އަންގާފައިހުރި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އާއި އެފްއޭއެމްއާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލް ކުރެވުނުތަނެވެ. އަދި އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލް ކުރުމަށް ސީދާ މަހުލޫފް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެފްއޭއެމްއިންވަނީ ތުހުމަތުކޮށްފައެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ، ޔުނައިޓެޑް ވިކްޓްރީ އަދި ކްލަބް އީގަލްސްގެ އޮފިޝަލުންނާ އެކު މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސަރުކާރުން އެއްބާރުލުން ނުލިބުމުން މިހާރު އެފްއޭއެމްއިން ކުލަބްތަކަށް ފައިސާ ދޭން ނިންމާފައިވާކަމަށެވެ. އަދި މިއަހަރަށް ކުލަބްތައް ތައްޔާރުވުމަށް ގިނަ ހަރަދުތަކެއް ހިގާނެކަމަށާއި ކުލަބްތަކަށް އެހީތެރިކަން ބޭނުންވާކަމަށް ބައްސާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަޝްވަރާތަކަށް ފަހުވެސް ސަރުކާރުން އެއްވެސް އިޖާބައެއް ދީފައެއް ނުވޭ އެސްއޯއީގެ ފައިސާއަކަށް. އެފްއޭއެމްގެ ޒިންމާއެއް އެއީ ސީޒަންއަށް ދައްޔާރުވާ ކުލަބްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ. އަޅުގަނޑުމެން މަޑުކުރިން، ނަމަވެސް ކަންތަކަން މަޑުޖައްސާލައިގެންވެސް އަޅުގަނޑުމެންނަށް މަޑު ކުރެވޭނީ ވަކި ދުވަހެއް ވަންދެން. އެންމެ ފަހުން މިހާރު އަޅުގަނޑުމެން ނިންމާފައިވަނީ އެފްއޭއެމްއިން ކުލަބްތަކަށް ފައިސާ ދޭން. މިމަހުގެ 25ވަނަ ދުވަހު އޮންނަ ކޮންގްރެސްގައި ބަޖެޓް ފާސް ކުރުމަށްފަހު އަޅުގަނޑުމެން ކުލަބްތަކަށް އެހީތެރިކަން ފޯރުކޮށްދޭނަން. އެފްއޭއެމްއަކީ އަޅުގަނޑުގެ ތަނެއް ނޫން، މިއީ އަޅުގަނޑުގެ ދަރިތަ މުދަލެއް ނޫން. އެފްއޭއެމްއަކީ ކުލަބްތަކުގެ ތަނެއް. މިއީ އަޅުގަނޑު ބޭނުންވާ ގޮތަށް ހިންގަން އޮތް ތަނެއްވެސް ނޫން. ކުލަބްތަކުން ބޭނުންވާ ގޮތަށް އަބަދުވެސް އެފްއޭއެމްއިން ކަންތަށްތަށް ކުރާނީ." ބައްސާމް ބުންޏެވެ.
ބައްސާމް ވިދާޅުވީ އެފްއޭއެމްއަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެހީ އާއި ސްޕޮންސަރުންގެ އެހީތެރިކަމާއެކު ހިންގަމުންދާ އިދާރާއެއްކަމަށާއި ކުލަބްތަކަށް އެފްއޭއެމްއިން ދޭނީ ހަލާލު ގޮތުގައި ހޯދާ ފައިސާކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.