ޒަމާނީ ތަރައްޤީގެ އޮއިވަރުތަކާއެކު ވެރިރަށް މާލެ ސިޓީ ގިނަ މީހުން ސިފަކުރަނީ ތޮއްޖެހުން ބޮޑު ކޮންކްރީޓް ޖަންގައްޔެއްގެ ގޮތުގައެވެ. ޙާއްސަކޮށް މާލޭގެ މަގުތަކަށް ނުކަތާވަރަށް ވެހިކަލްތައް އިތުރުވެފައިވާކަމުގެ ވާހަކައަކީ މިހާރު އައު ވާހަކައެއް ނޫނެވެ. "ކޮންމެ ބޮލަކަށް ދެތިން ސައިކަލު" މިއީ މިހާރު އާއްމުކޮށް މީހުން ބުނެއުޅޭ އެއްޗެކެވެ. މާލޭގެ މަގުތަކަށް ބަލާލުމުން އެ މަންޒަރު ކިތަންމެހާވެސް ސާފުކޮށްފެނެއެވެ.
މާލޭގައި ވެހިކަލްތައް އިތުރުވާކަމުގެ ވާހަކަދައްކާއިރު، ވެހިކަލްތައް ޕާކުކުރުމަށް އެކަށީގެންވާ ވަރުގެ ޖާގައެއް ނެތްކަމުގެ ޝަކުވާއަކީ މިއީ އަބަދުހެން މިހާރު އިވޭ ޝަކުވާއެކެވެ. މިކަން ހައްލުކުރުމަށް އެކި ސަރުކާރުތަކުން އެކި މަސައްކަތްކޮށްފައިވީނަމަވެސް، ވެހިކަލްތައް އިތުރުވަމުންދާ މިންވަރަކަށް ބަދަލެއް ނާދެއެވެ. ދުވަހެއް ދުވަހަކަށް ވެހިކަލްތަކުގެ އަދަދު ދަނީ ގިނަވަމުންނެވެ. ނަމަވެސް ޕާކު ކުރާނެ ޖާގަ އިތުރެއް ނުވެއެވެ. ކަން މިހެން އޮތްއިރު، ވެހިކަލްތައް ޕާކުކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކުގެ ބޭނުން އާއްމުން ހިފަނީ އެންމެ އެކަށީގެންވާ ގޮތަށްތޯ، މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ.
ޖާގަ އޮތްވަރަކުން މާލޭގައި ޕާކިން ޒޯންތަކާއި ޕާކުކުރާނެ ޙާއްސަ ސަރަޙައްދުތައް ކަނޑައަޅާފައި އެބަހުއްޓެވެ. ބިން ހޯދައިގެންވިޔަސް، ނުވަތަ ބިން ހުސްކޮށްގެން ވިޔަސް ބައެއް ސަރުކާރުތަކުން މި މަސައްކަތް ވަނީ ކޮށްފައެވެ. ވެހިކަލްތައް އިތުރުވާކަމުގެ ޝަކުވާ އެއްފަރާތްކޮށްލުމަށްފަހު، މިދެންނެވި ފަދަ ޕާކިން ޒޯންތަކަށް ނަޒަރު ހިންގާލުމުން ގިނަ ފަހަރަށް ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ގިނަ ޕާކިން ޒޯންތަކުގައި ވެހިކަލްތައް ޕާކުކޮށްފައި ހުންނަނީ އެއްވެސް ކަހަލަ ތަރުތީބެއް ނެތިއެވެ.
ކަފިހި ހުރަސްމަތީގައާއި، ގޭގެގާއި ގަރާޖްތަކުގެ ދޮރުކުރިމައްޗަށްވާ ގޮތަށްވެސް ވެހިކަލް ޕާކުކޮށްފައިހުރެއެވެ. ހަނިހަނި މަގުތަކުގައި ދެ ފަރާތުގައިވެސް ވެހިކަލް ޕާކުކޮށްފައި ހުންނައިރު، ބައެއް މީހުން ވެހިކަލް ޕާކުކޮށްފައި ހުންނަގޮތުން، ދުއްވާ އުޅަނދުތަކަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާ މަންޒަރުވެސް ފެނެއެވެ. ބައެއް ހަނި ގޯޅިތަކުން ޕިކަޕުފަދަ ވެހިކަލްތައް ދުއްވަމުންދާއިރު ޖަންގައްޔެއްގެ ތެރެއިން ހިނގަމުންދާއިރު ވިނަތައް ދުރުކުރާހެން ތަންތަންކޮޅަށް ވެހިކަލް މަޑުކޮށް މަގުގެ ދެފަރާތުގައި ހުންނަ ސައިކަލްތައް ތަރުތީބުކޮށް ވެހިކަލްތައް ދުއްވޭވަރަށް ޖާގަހަދަމުން ދުއްވާތަންވެސް ބައެއްފަހަރު ފެނެއެވެ. އަދި ބައެއް މަގުތަކުގެ ކަން ބެދޭގޮތަށް ސައިކަލް ޕާކުކޮށްފައި ހުރުމުން، ހިނގާމީހުންނަށް މަގު ހުރަސްކުރުމުގައިވެސް ދަތިތަކަކާ ކުރިމަތިވެއެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޙާއްސަކޮށްގެން ހަނދާފައިހުންނަ ރޭމްޕްތަކުގެ މަތީގައިވެސް ވެހިކަލް ޕާކުކޮށްފައި ހުންނަ މަންޒަރު މަދުން ނަމަވެސް ފެނެއެވެ.
ގިނަ ފަހަރަށް ވެހިކަލްތައް ޕާކުކޮށްފައި ހުންނަ ސަރަޙައްދުތަކަށް ބަލާލުމުން ފެންނަނީ ވަރަށްވެސް ކަންފަސޭހަގޮތަކަށް ޕާކުކޮށްލާފައި ހުންނަ މަންޒަރެވެ. ކުރިން ޖާގަ ލިބޭ މީހަކުގޮސް އެމީހަކަށް ފެނުނުގޮތަކަށް ސައިކަލު ޕާކުކޮށްލަނީއެވެ. ދެން އަންނަ މީހާ އޭނާގެ ސައިކަލު ޕާކުކުރުމަށް އުފުލާނެ ތަކުލީފަކާމެދު ވިސްނާލުމެއް ނޯވެއެވެ. ދެ ސައިކަލްގެ ޖާގަ ހިފާގޮތަށް އެއް ސައިކަލްވެސް ޕާކުކޮށްފައި ހުރެއެވެ. ބައެއް ޕާކިންގ ޒޯންތަކުގައި ފަސްވަރަކަށް ސައިކަލަށް ޕާކްކުރެވޭވަރުގެ ޖާގައެއްގައި ތިން ސައިކަލްވެސް ޕާކުކޮށްފައި ހުންނަތަން ފެންނަލެއް މަދެއް ނޫނެވެ. ބައެއް މަގުތަކުގައި ޕާކު ކުރަން ނުޖެހޭ ތަންތަނުގައިވެސް ވެހިކަލްތައް ޕާކުކޮށްފައި ހުރެއެވެ.
ޕާކު ކުރަން އޮންނަ އުސޫލާ ޚިލާފަށް އެއްވެސް ތަރުތީބެއްނެތި ވެހިކަލް ޕާކުކޮށްފައިހުރުމުގެ ނަތީޖާއެއްގެ ގޮތުން ބައެއްފަހަރު ސައިކަލު ނެރެގެން ގެންދިއުމުގައި ސައިކަލަށް ގެއްލުންވުމުގެ އިތުރުން އަމިއްލަ މީހާއަށްވެސް ހާނިކަވާ ހާލަތްތައް މެދުވެރިވެއެވެ.
ޕޮލިސް ސްޓާފް ސަރޖަންޓް ޙުސެއިން އަސްލަޙު ވިދާޅުވީ، ޙާއްސަކޮށް ސައިކަލު ޕާކުކުރުމުގައި އެންމެ ގިނައިން މީހުން އިޙުމާލުވާ އެއްކަމަކީ ޕާކުކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގައި ކުރަހާފައި އޮންނަ ހަނިރޮނގާއި އެއްގޮތަށް ސައިކަލު ޕާކުކުރުމެވެ. އަދި މިގޮތަށް އަމަލު ނުކުރުމުގެ ސަބަބުން އެހެން ވެހިކަލްތައް ޕާކުކުރުމަށް ބޭނުންވާ ޖާގަވެސް ގެއްލި، ބައެއް ފަހަރު މަގުތައް ބްލޮކްވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ސައިކަލު ޕާކުކުރަން ޙާއްސަކޮށްފައި ހުންނަ ޒޯނުގައި މި ހުންނަނީ ކަތިރޮނގު ދަމާފައި.. އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭކަމެއް އެއީ އެ ކަތި ރޮނގާއި އެއްގޮތަށް ވެހިކަލް ޕާކުކުރަން.. އެގޮތަށް ޕާކުކުރީމަ ވަރަށް ބޮޑެތި ފަސޭހަތަކެއް އެބަލިބޭ.. އެއީ ކަތިރޮނގާއި އެއްގޮތަށް ވެހިކަލް ޕާކުކޮށްފައި، ފަހުން އެ ވެހިކަލް ނެރޭއިރުވެސް މަގަށް މާބޮޑު ދައްޗެއްނުވެ ވެހިކަލް ނަގައިގެން ދެވޭ.. ނަމަވެސް އާއްމުކޮށް މި ފެންނަނީ ހަމަ ދާގޮތަށްގޮސް ސީދަލަށް ސައިކަލު ވައްދާލާން މަންޒަރު.. މިހެން މިކަން ކުރީމަވެސް ވަރަށް ބޮޑު ޖާގައެއް އެބަ ގެއްލޭ.." ޙުސެއިން އަސްލަޙު ވިދާޅުވިއެވެ.
ވެހިކަލް ޕާކުކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއި އެއްވަރަށް އެކަމުގައި މުޖުތަމަޢުގެ ފަރުދީ ޒިިންމާއެއްވެސް އެބައޮތެވެ. ޕާކުކުރާނެ ޖާގައެއްނެތްކަމަށް ބުނެ އެކަމުގެ ޝަކުވާ ކުރާއިރު ހުރި ޕާކިންގ ޒޯންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ ވާހަކަވެސް ދައްކަމާތޯއެވެ. ވެހިކަލް ޕާކުކުރަން ހަޤީޤަތުގައިވެސް ދިވެހިން ދަސްކުރަންވެއްޖެއެވެ. މިކަމުގައި ފަރުދީ ޒިންމާގެ މުހިންމުކަންވެސް ހަނދާންކުރަން އެބަޖެއެވެ.