ޚަބަރު

ވިކްޓްރީއަށް ލޯން ދިން ގޮތަށް ނިއުއަށްވެސް ލޯން ދެވޭނެ - ބައްސާމް


ވިކްޓްރީއަށް ލޯން ދިން ފަދައިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއަށްވެސް ލޯން ދެވޭނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
އެފްއޭއެމްއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ވަނީ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުމުގެ ސަބަބުން ސަސްޕެންޑް ކޮށްފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް ތާއީދުކުރާ ފަސް ކުލަބްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބައްސާމް ވިދާޅުވީ މިއީ އެއްވެސް ވަރަކަށް ޒާތީވެގެން ކުރިކަމެއް ނޫންކަމަށް މިއީ އެކުލަބްގެ ކުޅުންތެރިން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލަތަކާއި ގުޅުގެން އަޅާފައިވާ ފިޔަވަޅެއްކަމަށެވެ.

ބައްސާމް ވިދާޅުވީ މާލީ ގޮތުން ދިމާވާ ދަތިކަމަކީ ރާއްޖޭގެ ވަރަށް ގިނަ ކުލަބްތަކަށް ދިމާވެފައިވާ ދަތިކަމެއްކަމަށާއި އެއީ އެންމެ ގުޅިގެން ހައްލު ކުރަންޖެހޭ މައްސަލައެއްކަމަށެވެ. ވިކްޓްރީ ސްޕޯޓްސް ކުލަބްއިންވެސް ކުޅުންތެރިންނަށް މުސާރަ ނުދީގެން ބައެއް ކުޅުންތެރިންވަނީ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީއަށް މައްސަލަ ހުށައަޅާފައެވެ.

މިމައްސަލަތަށް ހައްލު ކުރުމަށް ވިކްޓްރީ ސްޕޯޓްސް ކުލަބްއިން އެފްއޭއެމްގައި ލޯންއަކަށް އެދުމުން އެފްއޭއެމްއިންވަނީ ވިކްޓްރީއަށް އެހީވެފައެވެ. ނަމަވެސް މިޕްރެސްގައި ވިކްޓްރީއަށް ދީފައިވަނީ ކިހާވަރެއްގެ އެހީއެއްކަމަށް ބައްސާމް ވިދާޅުވެފައެއް ނުވެއެވެ. ބައްސާމް ވިދާޅުވީ ނިއުއަށްވެސް މިދޮރު ހުޅުވިފައިވާކަމަށެވެ.

"ކުރިންވެސް މަޝްވަރާގެ ދޮރު އޮތީ ހުޅުވިފަ. ނިއުއިން ކުރިންވެސް އެހީއަކަށް އެދިފައެއް ނުވޭ. އަޅުގަނޑަކީ އަބަދުވެސް މަޝްވަރާއަށް އިސްކަންދޭ މީހެއް. ނިއުއިން ކުރިން އެހީއަކަށް އެދުނު ނަމަ، މިހާ ހިސާބަކަށް ދާކަށް ނުޖެހޭނެ. ވިކްޓްރީއިން އެކަމަށް އެދުމުން އަޅުގަނޑުމެންވަނީ އެކަން އެކުލަބްއަށް ކޮށްދީފަ. ވަރަށް ފަހަކާއި ޖެހެންދެން ނިއުއިން އެފަދަ ކަމަކަށް އެދިފައެއް ނުވޭ. މިހާރު އެކުލަބްއިން އެބައޮތް އެކަމަށް އެދިފަ. މިހާރު އަޅުގަނޑުމެން ޖެހޭނީ މިއަންނަ ކޮންގްރެސްއިން ބަޖެޓް ފާސްކުރުމަށްފަހު، އެކަން ނިއުއަށް ކޮށްދޭން. ކޮންގެރެސްއަށްފަހު އަޅުގަނޑުމެން އެކްސްކޯގައި އެކަމާއި ބެހޭގޮތުން މަޝްވަރާވެސް ކުރާނަން. އަބަދުވެސް އެފްއޭއެމްގެ މާލީ ފުދުންތެރިކަން ހުންނަ މިންވަރަކުން ކުލަބްތަކަށް އެހީވެދެވޭނެ." ބައްސާމް ބުންޏެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބްއަށް އެފްއޭއެމްއިން އެހީވެފައިވާއިރު، ިވިކްޓްރީން ވަނީ އެފްއޭއެމްގެ މިހާރު މެނޭޖްމަންޓް ބަދަލް ކުރުމަށް ކޮންގްރެސްއަކަށް މިމަހުގެ 15ވަނަ ދުވަހު ގޮވާލާފައެވެ.