މެލޭޝިޔާ އެއަރލައިންސްގެ ކުރިމަގާމެދު ވަރަށް އަވަހަށް ގޮތްތަކެއް ނިންމާނެކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވީ، މެލޭޝިޔާ އެއަރލައިންސްގެ ކުރިމަގާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާކުރަމުންދާކަމަށެވެ. މިގޮތުން ކުރިއަށްދާ މަޝްވަރާގައި އެއަރލައިން ހުއްޓާލާނީތޯ ނޫނީ އެއަރލައިން ވިއްކާލާނީތޯ ނުވަތަ އެއަރލައިނަށް ސަރުކާރުން އިތުރު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް މަހާތިރު ވިދާޅުވިއެވެ. އަދި މީގެއިން ކޮންމެވެސް އެއްގޮތަކަށް އަމަލުކުރުމަށް މަޝްވަރާގައި ނިންމާނެކަމަށް މަހާތިރު ވިދާޅުވިއެވެ.
2014 ވަނަ އަހަރު މެލޭޝިޔާ އެއަރލައިންސްގެ ދެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާތަކަށްފަހު، އެއަރލައިނަށް ކުރިމަތިވެފައިވާ ގެއްލުމުން އަރައިގަތުމަށް މެލޭޝިޔާ އެއަރލައިންސްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ހާދިސާތަކަށްފަހު އެއަރލައިނަށް ކުރިމަތިވި މާލީ ގެއްލުމުން އަރައިގަނެ، މިއަހަރަކީ އެއަރލައިނަށް ފައިދާވާނެ އަހަރަކަށް ވާނެކަމަށް މެލޭޝިޔާ އެއަރލައިންސްއިން އަންދާޒާކުރެއެވެ.
މެލޭޝިޔާ އެއަރލައިންސްގެ ކުރިމަގާމެދު މެލޭޝިޔާ ސަރުކާރުން މަޝްވަރާކުރަމުންދާއިރު، އެއަރލައިން ހިންގާ މެލޭޝިޔާގެ ސޮވެރިންގ ފަންޑު، ހަޒާނާ ނެސަނަލްއިންވެސް ވަނީ މެލޭޝިޔާ އެއަރލައިންގައިވާ ސަރުކާރުގެ އިންވެސްޓްމަންޓާމެދު ގޮތެއް ނިންމަންޖެހޭކަމަށް ބުނެފައެވެ.
2014 ވަނަ އަހަރުގެ މާޗުމަހު މެލޭޝިޔާ އެއަރލައިންސްގެ މަތިންދާބޯޓެއް ވީނުވީއެއް ނޭނގި ގެއްލުނު ހާދިސާއާއި އަދި ހަމަ އެއަހަރުގެ ޖުލައިމަހު ޔޫކްރެއިން މަތިން މެލޭޝިޔާ އެއަރލައިންސްގެ މަތިންދާބޯޓެއް ވައްޓާލި ހާދިސާއަށްފަހު، މެލޭޝިޔާ އެއަރލައިންސްއަށް އޮންނަ އިތުބާރު ގެއްލި، މާލީ ގެއްލުންތަކާ އެއަރލައިނުން ވަނީ ކުރިމަތިލާންޖެހިފައެވެ.