ރާއްޖޭގައި ހިންގާ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތައް ހިިންގުމަށް 3 މިލިއަން ޑޮލަރު ދިނުމާ ގުޅޭ އެއްބަސްވުމެއްގައި އެމެރިކާ ސަރުކާރުން ދިވެހި ސަރުކާރާއެކު ސޮއިކޮށްފިއެވެ.
މީގެ އިތުރުން ތައުލީމީ ދާއިރާއިން ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމެއްގައިވެސް ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ.
ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާއެކު ވެވުނު މި ދެ އެއްބަސްވުމަކީ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމެންޓަކާއި، މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގއޮން ދަ ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމުގެ އެއްބަސްވުމެވެ.
މީގެތެރެއިން ފުލްބްރައިޓް އެކަޑެމިކް އެކްސްޗޭންޖް ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޒްއެވެ.
އަދި ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްގެ މިޝަން ޑިރެކްޓަރ ރީޑް އެއިޝްލިމަންއެވެ.
އެމެރިކާ ސަރުކާރާއެކު ވެވުނު ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމެންޓުގެ ދަށުން މުޖުތަމަޢުގެ މަސަލަސްކަން ޤާއިމުކޮށް، ރައްޔިތުން ޝާމިލުވާ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް 3 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާ ސަރުކާރުންވަނީ އެއްބަސްވެފައެވެ.
އަދި ބްރައިޓް އެކަޑެމިކްސް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ތައުލީމީ ދާއިރާއިން ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ. ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގައި އެންމެ ފުރަތަމަ ރާއްޖެއިން ސޮއިކުރީ 2003 ވަނަ އަހަރުއެވެ. އަދި މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މިއެއްބަސްވުމުގެ މުއްދަތު 5 އަހަރަށް އިތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.