ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަދައްކާފައި ނުވާނެކަމަށާއި ކުރިއަށް އޮތްތާނގައިވެސް ސަރުކާރު ބަދުނާމްވާ ގޮތަށް ވާހަކަ ނުދައްކާވާނެކަމަށް އެފްއޭއެފްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ބައްސާމް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަތުމަށް ފީފާ އަދި އޭއެފްސީގެ ޓީމް މާލެ އައިސް ކުލަބްތަކާއި ބައްދަލުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.
އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލް ކުރުމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން މަސައްކަތް ކުރަމުންދަނިކޮށް ފީފާ ޓީމުންވަނީ ވޯޓް ލުމުގެ ޝަރުތު ހަމަވާ ކުލަބްގެ ތެރެއިން 50 އިންސައްތައަށްވުރެ މަތިން ކުލަބުތައް ހަމަނުވާކަމަށްބުނެ ކޮންގްރެސް ނުބޭއްވޭނެކަމަށް ބުނެފައެވެ. މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބައްސާމް ވިދާޅުވީ މިއީ ވަރަށް ގިނަ ބަޔަކަށް ހިތްހަމަޖެހުމެއް ގެނުވިކަމެއްކަމަށާއި ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ކުލަބްތަކަށް ފުރުސަތު ލިބިގެންދާނެކަމަށެވެ.
އެކްޓިންގ ޔޫތް މިނިސްޓަރ އަލީ ވަހީދުވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަރުކާރު ބަދުނާމްވާ ގޮތަށް ވާހަކަދައްކަމާއި، ކުޅިވަރު ސިޔާސީކޮށް، ފަހުގެ ތާރީޙުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ކަޅު ދަބަސްތައް އެފްއޭއެމްގެ ތެރެއިން ނެރުނުކަމަށް ތުހުމަތުކުރައްވާފައެވެ.
މިކަމާއި ގުޅިގެން ބައްސާމް ވިދާޅުވީ އެފްއޭއެމުން އަބަދުވެސް މަސައްކަތް ކުރާނީ އޭރުގައި އޮންނަ ސަރުކާރަކާއި އެކުގައި މަސައްކަތް ކުރުމަށްކަމަށެވެ. އަދި ސަރުކާރު ބަދުނާމް ވާގޮތަށް ވާހަކަދައްކާފައި ނުވާނެކަމަށާއި ކުރިއަށް އޮތްތާނގައިވެސް ސަރުކާރަށް ފުރިހަމަ އެއްބާލުން ދޭނެކަމަށް ބައްސާމް ވިދާޅުވިއެވެ.