ޚަބަރު

މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޒަމާނީކުރުމަށް މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކުރަނީ


މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޒަމާނީކުރުމަށް މިއަހަރުގެ ތެރޭގައި އެކައުންސިލުންދޭ ޚިދުމަތްތައް ފޯރުކޮށްދޭނެ މޯބައިލް އެޕްލިކޭޝަންއަކާއި އައު ވެބްސައިޓެއް ތަޢާރަފްކުރާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމާ ޙިއްޞާ ކުރައްވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ކުރީގެ ސަރުކާރުން މާލެ ސިޓީ ކައުންސިލްގެ ބާރުތައް ސަރުކާރަށް ނަގައި، އެކައުންސިލްގެ މުދަލާއި ލިޔެކިއުންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށެވެ.

މި މައްސަލަތައް ޙައްލުކޮށް ސިޓީ ކައުންސިލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އެކަށީގެންވާ އޮފީހެއް ހޯދައި މި ލިޔެކިޔުންތައް ރައްކާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، މިކަންކުރުމަށް ބަޖެޓް ލިބި އެއްބައި ލިޔެކިޔުންތައް މިހާރު ރައްކާ ކުރެވިފައިވާކަންވެސް ޝަމާއު ފާހަގަކުރެއްވިއެވެ. އެގޮތުން ސިޓީ ކައުންސިލްގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް އެ ކައުންސިލްގެ ޚިދުމަތްތައް ދިނުމަށް ޒަމާނީ ކައުންޓަރުތަކެއް ޤާއިމުކުރުންކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

"
"ވޭތުވެދިޔަ ސަރުކާރުން މާލެ ސިޓީގެ ބާރުތައް ނަގާ ގިނަ ގެއްލުންތަކެއް މި ކައުންސިލްގެ މުދަލާއި ލިޔެކިޔުންތަކަށް ދީފައިވޭ. މިހާރު އަޅުގަނޑުމެން ރަށްވެހިކަމާއި، އުފަންދުވަހުގެ ސެޓްފިކެޓްފަދަ ލިޔުންތައް މިހާރުވަނީ ރައްކާތެރިކުރެވިފައި. މިހާރު މަސައްކަތްކުރަމުންމިދަނީ، ގޭގޭގެ މެޕްތަކާ ކުރެހުންތައް ރައްކާކުރުމުގެ މަސައްކަތް. މިހާރު އަޅުގަނޑުމެންނަށް ފަންޑުވަނީ ލިބިފައި."
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކަކީ ޒަމާނީ ޚިދުމަތްތަކަކަށް ހެދުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން ޝަމާއުވަނީ، މި މަސައްކަތުގެ ދަށުން ނޭޝަނަލް ސެންޓަރ ފޯރ އިންފޮރމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީ، އުރީދޫ އަދި ދިރާގާ މަޝްވަރާ ކުރައްވަމުންދާކަމަށެވެ. އެގޮތުން އެކައުންސިލްގެ ޚިދުމަތްތައް ޒަމާނީކުރުމަށް މިއަހަރުގެ ތެރޭގައި މޯބައިލް އެޕްލިކޭޝަނަކާއި އައު ވެބްސައިޓެއް ތަޢާރަފުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންސީއައިޓީ ދިރާގު އުރީދޫ ފަދަ ތަންތަނާ މަޝްވަރާކޮށްފައިވާނީ. އެގޮތުން މިއަހަރުގެ ތެރޭގައި ފޯން އެޕް އަދި އައު ވެބްސައިޓެއް ނެރުމަށް މަސައްކަތްކުރަމުންމިދަނީ." މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވިއެވެ.

މާލެ ސިޓީގެ ޚދުމަތްތަށް ޒަމާނީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސިޓީ ކައުންސިލުންދާދި ފަހުންވަނީ ހުޅުމާލޭ މުނިސިޕަލް ކަންކަމާވެސް ރަސްމީކޮށް ހަވާލުވެފައެވެ. އެގޮތުން މި ޚިދުމަތްތައް ދިނުމަށް އެޗްޑީސީގެ އެހީއާއެކު ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލްގެ އިދާރާއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެކައުންސިލުން ވިދާޅުވެއެވެ.