ޚަބަރު

ކުޅިވަރު އެސޯސިއޭޝަންތަކުގެ އޮޑިޓެއް ހެދި އެކަން ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި


ކުޅިވަރު އެސޯސިއޭޝަންތަކުގެ އޮޑިޓްއެއް ހެދި އަންނަ ހޮނިހިރު ދުވަހު އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށް އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރިހާ ކުޅިވަރުގެ އެސޯސިއޭޝަންގެ އޮޑިޓްއެއް ހެދި އެސޯސިއޭޝަންތަކުގެ ވެރިންނާއި ނޫސްވެރިންގެ އިތުރުން މިކަމާއި ގުޅުންހުރި ހުރިހާ ފަރާތެއް ޝާމިލްވާ ގޮތަށް ވަރަށް ކުލަ ގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއޮޑިޓްއަށް ފަހު އެސޯސިއޭޝަންތަކާއި ގުޅިގެން މިނިސްޓްރީއިން ދެން ތައްޔާރުވާނީ ކުޅިވަރުގެ ދުރުރާސްތާ ޕްލޭންއެއް އެކުލަވާލަންކަމަށެވެ. ކޮންމެ އެސޯއިއޭޝަންއަކާއި ގުޅިގެން މިނިސްޓްރީ އެހީއާއެކު ކުޅިވަރު ތަރައްގީކޮށް، ބިޒްނަސް މޮޑެލްތަކަށް ކުޅިވަރު ބަދަލުކޮށްލުކަމީވެސް މިހާރު ވަރަށް ބާރަށް ކުރަންޖެހިފައިވާކަމެއްކަމަށް އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިދިޔަ ދެ އަހަރު ފުޓްބޯޅަ ކުލަބްތަކަށް އެސްއޯއީގެ ދަށުން ދޫކުރަމުން އައިސްފައިވާ ފައިސާ މިއަހަރު ކުލަބްތަކުގެ އިތުރުން އެސޯސިއޭޝަންތަކަށްވެސް ދިނުމަށް ހަމަޖެހިފައިވާކަމަށާއި ޔޫތް މިނިސްޓްރީއިން ބޭނުންވަނީ ކުޅިވަރު އެސިއޭޝަންތަށް އަމިއްލަ ފައިމައްޗަށް ތެދުވުންކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

"މިކަމުން އަޅުގަނޑުމެންނަށް އެގިގެންދާނެ ކުޅިވަރު މިވަގުތު އޮތް ހާލަތު. ސަރުކާރުން ދޭ ބަޖެޓްއިން އެސޯސިއޭޝަންއިން ކުރާ ހަރަދުތަށް، ނުކުރެވޭ ހަރަދުތަށް. އެސޯސިއޭޝަންތަށް އަމިއްލަ ފައިމައްތަށް ދެތުވުމަށް ކުރެވެން ހުރިކަންތަށްތަށް މިއޮޑިޓްގެ ސަބަބުން މިނިސްޓްރީއަށް ވަރަށް ބޮޑަށް އެގިގެންދާނެ. މިނިސްޓްރީން ބޭނުންވަނީ ކޮންމެ އެސޯސިއޭޝަންއަކަށްވެސް އެސްއޯއީއެއް ހަމަޖައްސާ، އެފައިސާ އެސޯސިއޭޝަންތަކަށް ލިބޭނެ ގޮތް ހެދުން. ކުޅިވަރުގެ ވައިޑީޕީ ޕްރޮގްރާމްތަކާއި މުބާރާތަކުގެ ފެންވަރު މަތިކޮށް، ބައިނަލްގްވާމީ މުބާރާތްތަކުގައި އަޅުގަނޑުމެންގެ ޓީމްތަކަށް ދިމާވާ ދަތިތަށް ފިލުވާ، ބައިނަލަގްވާމީ ފެންވަރުގައި ކުޅުންތެރިން ބިނާ ކުރުމަށް މިނިސްޓްރީއާއި ގުޅިގެން އެސޯސިއޭޝަންތަކުން މަސައްކަތް ކުރުމަށް ކުރިއަށް ވުރެއް މަގު ފަހިވާނެކަމަށް މިބަލަލީ." އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ބުންޏެވެ.

މިދިޔަ ދެ އަހަރުވެސް ފުޓްބޯޅަ ކުލަބްތަކަށް އެސްއޯއީގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން ފައިސާ ދޫކުރަން ފެށުމުން، އެހެން ކުޅިވަރު އެސޯސިއޭޝަންތަކަށް ސްޕޮންސާރޝިޕް ހޯދުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އެސޯއިއޭޝަންތަކުން ބުނެއެވެ.

އެސޯސިއޭޝަންތަކަށް ދޫކުރާ ބަޖެޓް ހަމަހަމަކުރުމުގެ ގޮތުން މި ސަރުކާރުންވަނީ ފަސްލައްކަ ރުފިޔާ ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް ދިނުމަށް ނިންމާފައެވެ.