ޚަބަރު

ބައިނަލްއަޤްވާމީ ގުޅުން ބަދަހި ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އިނގިރޭސި ވިލާތުން ތައުރީފްކޮށްފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމައުގެ ގުޅުން ރަނގަޅު ކުރުމަށް ކުރައްވާ މަސައްކަތްތަކަށް އިނގިރޭސި ވިލާތުން މަރުޙަބާ ދަންނަވައިފިއެވެ.

ބައިނަލްއަޤްވާމީ މުޖުތަމައުގެ ގުޅުން ބަދަހި ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އިނގިރޭސި ވިލާތުން މަރުޙަބާ ދެންނެވީ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްޤުތަކާއިބެހޭ ކައުންސިލުގެ ބައްދަލުވުމުގައެވެ.

އިނގިރޭސިވިލާތުން ވަނީ ޑިމޮކްރެޓިކް މުޖްތަމަޢެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި އިންސާނީ ހައްޤުތަކާއިބެހޭ އޮނިގަނޑުގެ ބޭނުން ހިފުމަށްވެސް ގޮވާލައްވާފައެވެ.

ސަރުކާރުން ދަނީ ބޭރު ޤައުމުތަކާއެކު އޮތް ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގުޅުން ބަދަހި ކުރުމަށް އެކި ޤައުމުތަކުގެ މަންދޫބުންނާއެކު ގިނަ މަޝްވަރާތަކެއްވެސް ދަނީ ކުރައްވަމުންނެވެ.

ބައިނަލްއަޤުވާމީ ޤައުމުތަކާއި ގުޅުން ރަނގަޅު ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ހައިކޮމިޝަނަރު އޮފީހުގެ އިސްވެރިންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވާއިރު ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުމަށް ދަނީ މަޝްވަރާ ކުރައްވަމުންނެވެ.