ސިއްހަތު

ހަކުރުބަލި ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކަށް އެކަން ނޭނގޭ


ރާއްޖޭގެ އާބާދީގެ 62.5 އިންސައްތަ މީހުންނަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންކަމުގައިވާއިރު، ހަކުރުބަލި ޖެހިފައިވާ މީހުންގެ ތެރެއިން 54.3 އިންސައްތަ މީހުންނަށް އެކަން ނޭނގޭކަމަށް ހެލްތް މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.

ހަކުރުބަލީގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙްކުރުމަށް މާލެއަތޮޅު ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ރަށްރަށުގައި ހަކުރު ބަލީގެ ޙާލަތު ދެނެގެތުމަށް ހަދާފައިވާ "ދަ އައިލެންޑް ސްޓަޑީ" ދިރާސާގެ ހޯދުންތައް ހިއްސާކުރައްވަމުން، ޑރ. އަލީ ސިނާން ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައަކަށް، ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެކަން ޙައްލުކުރުމަށް ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިހާރުން މިހާރަށް ހަރުދަނާ ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށް ޑރ. ޢަލީ ސިނާން ވިދާޅުވި. ސިނާން ވިދާޅުވީ، ދިވެހިންގެ މެދުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަންފަށަނީ، ބޮޑު ބައްޔަކަށް ޑައިގްނޯސްވުމަށްފަހު ކަމަށެވެ.

"ދަ އައިލެންޑް ސްޓަޑީ އޮން ޑައިބެޓިކްސް ދިރާސާ ދައްކާގޮތުގައި ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިހާރުންމިހާރަށް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ފާހަގަކުރެވިފައިވޭ. މި ކަންހައްލުކުރުމަށް ކުޑައިރުގެ އިތުރުން ޒުވާންދުވަސްވަރު ރަނަގަޅު ދިރިއުޅުގެ ވައްޓަފާޅިއަކަށް ދިވެހިން އަހުލުވެރިވުން ވަރަށްވެސް މުހިންމު،" ޑރ. ސިނާން ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން 50 ހާސް މީހުންގެ މަޢުލޫމާތު އެއްކޮށްގެން ހަދާފައިވާ، "ދަ އައިލެންޑް ސްޓަޑީ އޮން ޑައިބެޓިކްސް" ދިރާސާ ދައްކާގޮތުން، ރާއްޖޭގެ އާބާދީގެ 62.5 އިންސައްތަ މީހުންނަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންކަމުގައިވާއިރު، ހަކުރުބަލި ޖެހިފައިވާ މީހުންގެ ތެރެއިން 54.3 އިންސައްތަ މީހުންނަކީ އެކަން ނޭނގޭ މީހުންނެވެ.

މިދިރާސާއިން ދައްކާގޮތުގައި ހަށިގަނޑުގެ ބުރަދަން އިތުރު މީހުންގެ ތެރެއިން އަންހުން ކަނބަލުންނަށް ހަކުރުބަލި ޖެހުމުގެ ފުރުޞަތު ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ. އަދި މެދުރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނާއި އަޅާ ބަލާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގެ ރައްޔިތުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުޞަތު ބޮޑުކަންވަނީ ފާހަގަކުރެވިފައެވެ.

މިދިރާސާގައި މި ސަރަހައްދުގެ ޤައުމުތަކުގެ ހަކުރުބަލި ތަހަންމަލުކުރަމުންދާ މީހުންގެ ނިސްބަތްވަނީ އަޅާކިޔާފައެވެ. އެގޮތުން މި ދިރާސާ ދައްކާގޮތުން އަވައްޓެރި އިންޑިއާގައި ހަކުރުބަލީގެ މީހުންގެ ނިސްބަތަކީ 10.4 އިންސައްތައެވެ. އަދި ރާއްޖޭގައި މި ނިސްބަތް ހުރީ 8.1 އިންސައްތައިގައެވެ. ދުނިޔޭގެ ނިސްބަތުން ހަކުރުބަލީގެ މީހުންގެ ނިސްބަތަކީ 8.6 އިންސައްތައިގައެވެ.

ހަކުރުބަލީގެ ޤައުމީ ޕުރޮގުރާމް މިދިޔަ ހަފްތާގެތެރޭގައި ހެލްތް މިނިސްޓްރީއިން ފައްޓަވާފައިވާއިރު، މި ޕްރޮގްރާމްއަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން އައި.ޖީ.އެމްއެޗް.އާ ގުޅިގެން ހަކުރުބަލިން ޢާއްމުން ރައްކާތެރިކުރުމަށާއި ހަކުރުބަލީގެ ފަރުވާގެ ޚިދުމަތްތައް ރާއްޖޭގައި ތަރައްޤީކޮށް ފުޅާކުރުމަށް އެކުލަވާލެވިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން އަންނަ މަހު ދަރުމަވަންތަ ހޮސްޕިޓަލްގައި ވަން-ސްޓޮޕް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާއިރު ހަކުރުބަލީގެ މީހުންނަށް ވަކި ހަމަތަކެއްގެ މަތިން ފަރުވާ ދެވޭނެ ގައިޑްލައިންތައް ތައްޔާރުކުރެވި އޭގެ ތަމްރީންތައް މުޅިރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.