ޚަބަރު

ޓޮސް އެކަޑެމީއާ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ގުޅުން ބަދަހި ކުރަނީ


ބެޑްމިންޓަންގައި ރާއްޖެ އިތުރަށް ކުރިއެރުވުމަށް ރާއްޖެއާއެކު މަސައްކަތްކުރަން ތައްޔާރަށް ތިބިކަމަށް އިންޑިޔާގެ ޓޮސް އެކެޑަމީއިން ބުނެފިއެވެ.

ޓޮސް އެކަޑެމީން މިހެން ބުނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް ތައްޔާރުވާ ގައުމީ ބެޑްމިންޓަން ޓީމް އިންޑިޔާގެ ޓޮސް އެކަޑެމީއާއެކު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން. ޓޮސް އެކަޑެމީއަކީ ބެޑްމިންޓަންގައި ދުނިޔޭގެ ފެންވަރުގައި މަތީފަންތީގައި ހިމެނޭ އިންޑިޔާގެ ސްޓޭޓް ފެންވަރުގައި ވާދަކުރާ އެކެޑެމީއެކެވެ.

އިންޑިޔާގެ ގައުމީ ޓީމްގެ ޕޫލްގައި ހިމެނޭ ކުޅުންތެރިން އެކުލެވޭ ފަސް ކުޅުންތެރިންގެ ޓީމަކާއެކު ބެޑްމިންޓަން ކޯޓްގައި ރާއްޖޭގެ ގައުމީ ޓީމާއެކު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޓޮސްއެކަޑެމީގެ އެޑްމިން މެނޭޖަރ ނައުޝާދު ބަޝީރު ބުނީ، ރާއްޖެއަކީ ހުނަރުވެރި ކުޅުންތެރިން ގިނަ ގައުމެއް ކަމަށާއި ނަމަވެސް ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް އޮންނަ ގޮތުން ކޮންމެ ރަށެއްގައި ބެޑްމިންޓަން ކުޅެވޭނެ ހިދުމަތް ގާއިމު ކުރުމަކީ ދިމާވާ ގޮންޖެހުމެއް ކަމަށެވެ.
ނަމަވެސް މިކުދިން އެއްތަންކޮށް ރަނގަޅު އިންފްރާސްޓްރަކްޗަރ އެއް އޮތްތަނެއްގައި ތަމްރީނުކޮށްދެވިއްޖެ ނަމަ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ވަރުގަދަވާނެކަމަށާއި އެކަމުގައި ޓޮސް އެކަޑެމީން ރާއްޖެއަށް އެހީ ވާން ތައްޔާރަށް ތިބިކަމަށެވެ. އެގޮތުން ނައުޝާދު ބުނީ ރާއްޖޭގެ ކުޅުންތެރިން ކުރު މުއްދަތުގެ ތަމްރީނު ކޯސްތަކަށް ޓޮސް އެކަޑެމީއަށް ގޮސް ދުނިޔޭގެ ފެންވަރުގެ ކޯޗުންގެ އިރުޝާދުގެ ދަށުން ތަމްރީނުވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި އެކަޑަމީއިންވެސް ކޯޗުންނާއި ކުޅުންތެރިން ރާއްޖެ އައިސް އެކްސްޗޭންޖް ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

"ރަށްތަކުގައުޅޭ ހުނަރުވެރި ކުދިން ހޯދާ އިންފްރާސްޓްރަކްޗަރ އެންމެ ރަނގަޅު ތަނަކަށް ގެންގޮސް އެކްސްޕަރޓް ކޯޗުންގެ އިރުޝާދުގެ ދަށުން ތަމްރީނު ދިނުން މުހިންމު، ސްޕޮންސަރުން ނޫނީ ސަރުކާރުގެ އެހީގައި ވިޔަސް ޓޮސް އެކަޑެމީއަށް ރާއްޖޭގެ ކުޅުންތެރިން ގެންގޮސް ރަނގަޅު ކޯޗުންނާއެކު ތަމްރީނު ދެވޭތޯ ބަލަން އެބަ، އެއް މަސް ނުވަތަ ދެމަހުގެ ކޯހަށް ވިޔަސް، އަދި އެކަޑެމީ ކުދިނާއި ކޯޗުން ރާއްޖެއަށް އަައުން، މިކަހަލަ ކަމަކުން ދެ ޓީމް ކުރިއެރުމަށްވެސް މަގުފަހި ވާނެ" ޓޮސް އެކަޑެމީ ފަރާތުން ނައުޝާދު ބުންޏެވެ.