ޚަބަރު

ޒިޔާދާގެ މަރުގެ މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފި


ލިބުނު ޖިންސީ އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ.ތިނަދޫ ތޭންކު، ޒިޔާދާ ނަޢީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އެރަށު ޖަވާހިރުމާގޭދެކުނުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި އެއްވެސް ދަޢުވާއެއް ސާބިތުނުވާކަމަށް ކުރިހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފިއެވެ.

ޒިޔާދާގެ މަރާގުޅިގެން އޭނާގެ ކުރީގެ ފިރިމީހާ ޝާހުގެ މައްޗަށް ދަޢުލަތުންވަނީ، މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ ޢަމަލެއް ކުރުމާއި މީހަކު މަރުވެދިއުމުގައި އިހުމާލުގެ އަމަލެއް ކުރުމާއި އޮރިޔާން ކާޑު ގެންގުޅުމާއި އަދި އިތުރު ދަޢުވާއެއްވެސް އުފުލާފައެވެ.

ޒިޔާދާގެ މަރާގުޅިގެން އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ދަޢުލަތުން އުފުލި ހަތަރު ދަޢުވާގެ ތެރެއިން އެއްވެސް ދަޢުވާއެއް އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ބްރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް މިމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރުވަނީ ނިންމަވާފައެވެ.

ޝާހުގެ ޝަރީޢަތްތައް ފަށާފައި ވަނީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާގެ ހުރިހާ ޝަރީޢަތްތަކެއް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. އެ ޝަރީޢަތްތައް ސިއްރުކޮށްފައިވަނީ ބަދު އަޚްލާޤީ މައްސަލަތަކުގެ ޝަރީޢަތް ސިއްރު ކުރުމަށް ކޯޓަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.

ޒިޔާދާގެ މަރާގުޅިގެން ޑޮކްޓަރުން ދެއްވި މަޢުލޫމާތަށް ބަލައި ފުލުހުން ވިދާޅުވެފައިވަނީ ޒިޔާދާއަށް އޭނާގެ ފިރިމީހާ ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށެވެ. އެހެންވެ ޒިޔާދާގެ ސިއްޙީ ޙާލަތު ދަށަށް ދިޔުމުން ގދ.ތިނަދޫއިން ޒިޔާދާ ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި ޒިޔާދާ ނައީމުގެ ހަށިގަނޑުގެ އެކިބައިތަކަށް އަނިޔާ ލިބިފައިވާކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ ދައްކާފައެވެ.