ޗައިނާއިން ކުރިއަށްގެންދާ ބިޔަ އިންވެސްޓްމަންޓް ޕްރޮގްރާމް، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި އިޓަލީން ބައިވެރިވެއްޖެއެވެ.
ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި އިޓަލީން ބައިވެރިވެފައިވާއިރު، މިއީ ކުރިއަރާފައިވާ ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ބައިވެރިވި ފުރަތަމަ ޤައުމެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން އިޓަލީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބެލްޓް އެންޑް ރޯޑް އިނިއޭޝިއޭޓިވްގައި އިޓަލީން ރަސްމީކޮށް ބައިވެރިވުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ބެލްޓް އެންޑް ރޯޑް އިނިއޭޝިއޭޓިވްގައި ރަސްމީކޮށް ބައިވެރިވުމުގެ އެއްބަސްވުމަށްފަހު، ދެ ޤައުމުން ވަނީ ވިޔަފާރީގެ އެކި އެކި އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި މާލީ ކަންކަމާއި، ހަކަތައާއި، ދަނޑުވެރިކަމާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ. މި އެއްބަސްވުންތަކުގެ އަގު 2.5 ބިލިއަން ޔޫރޯއަށް އަރާއިރު، ކުރިއަށް އޮތްތަނުގައި އެއްބަސްވުންތަކުގެ ސަބަބުން 20 ބިލިއަން ޔޫރޯގެ ފައިދާވާނެކަމަށް އިޓަލީގެ ސަރުކާރުން ޤަބޫލުކުރެއެވެ.
ޗައިނާއާއި އިޓަލީއާ ދެމެދު ޤާއިމްކުރި އެއްބަސްވުންތަކުގެ ދަށުން، އިޓަލީގެ ހަކަތައާއި އިންޖިނިއަރިންގ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް ޗައިނާގެ މާކެޓްތަކުގައި ވިޔަފާރިކުރެވޭނެއެވެ. އަނެއްކޮޅުން ޗައިނާގެ ކޮންސްޓްރަކްޝަން ކުންފުނިތަކަށް އިޓަލީގެ ވިޔަފާރި ބަނދަރުތަކުގައި ހަރަކާތްތެރިވުމަށް ފުރުޞަތުތައް ހުޅުވޭއިރު، އިޓަލީގެ އެންމެ ބޮޑު އެއް ވިޔަފާރި ބަނދަރުކަމަށްވާ ޕޯޓް އޮފް ޖެނެއޯ ތަރައްޤީކުރުމުގެ ކޮންޓްރެކްޓްވެސް ވަނީ ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފައެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ޕްރޮގްރާމަކީ ހުޅަނގުގެ ޤައުމުތަކުން އެހާ ރުހޭ ޕްރޮގްރާމަކަށް ނުވާތީ، އެކަމުގައި އިޓަލީން ބައިވެރިވުމުން ހުޅަނގުގެ އެހެން ޤައުމުތަކުން އެކަމާމެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅޭގޮތުން އިޓަލީގެ ސަރުކާރުން ބުނެފައިވަނީ ޗައިނާއާއެކު ވިޔަފާރީގެ ގުޅުން ފުޅާކުރިނަމަވެސް ހުޅަނގުގެ ޤައުމުތަކާއެކު އިޓަލީން ބާއްވާ ގުޅުމަށް އެއްވެސް ބުރޫއެއް ނާރާނެކަމަށެވެ. ނަމަވެސް ވިޔަފާރިއާއި އިޤްތިޞާދީ ކަންކަމުގައި އިސްކުރާނީ ޤައުމީ މަސްލަހަތުތަކަމަށް އިޓަލީ ސަރުކާރުން ބުނެއެވެ.
ޗައިނާއިން 2013 ވަނަ އަހަރު ފެށި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ޕްރޮގްރާމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އެޤައުމުން ފެށި އިންވެސްޓްމަންޓް ޕްރޮގްރާމެކެވެ. މިމަސައްކަތުގެ ތެރެއިން ޗައިނާގެ އިޤްތިޞާދު ފުޅާކޮށް، ދުނިޔޭގެ ބަޒާރުގައި ހަތްދިހަ އިންސައްތަ ކޮންޓްރޯލްކުރުމަކީ ޗައިނާގެ އަމާޒެވެ.