މާލޭ ރަސްފަންނުގައި މޫދަށް އެރޭ ސަރަޙައްދަށް ނަޖިސް ފެތުރިފައިވާތީ އެ ސަރަހައްދު ބަންދުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އާންމުންގެ ފަރާތުން ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ރަސްފަންނު ސަރަހައްދުގައި މޫދަށް އެރޭ ސަރަހައްދު ބެލިބެލުމުން ނަޖިހުގެ އަސަރު ފެންނަން ހުރުމުން އެސަރަހައްދަށް އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައިވާ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީއާއި އެޗްޕީއޭ ގުޅިގެން އެކަން ބަލަމުންދާ ކަމަށެވެ.
ސިޓީކައުންސިލުން ވިދާޅުވީ މި ސަރަޙައްދަކީ ގިނަ އަދަދެއްގެ އާންމުން ބޭނުންކުރާ ސަރަހައްދެއްކަމުން އެތަން ދެން އާންމުންނަށް ހުޅުވާލާނީ އެ ސަރަހައްދަކީ މޫދަށް އެރިއުޅެން ރައްކާތެރި ތަނެއްކަން ކަމާގުޅޭ ފަރާތްތަކުން ޔަޤީންކޮށްދިނުމުން ކަމަށެވެ.