މިފަސް އަހަރު ނިމޭއިރު އެސޯސިއޭޝަންތައް ދަތުރު ކުރާނެ މިސްރާބެއް ކަޑައަޅައި، އެކަން ސާފުކޮށް ފެންނާނެކަމަށް އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިދިޔަ ސަރުކާރުން އެސޯސިއޭޝަންތައް މަގުމަތިކޮށްލާ، އެސޯސިއޭޝަންތަކަށް ވަރަށް ދަތިހާލު ޖައްސާފައިވާކަމަށް މިނިސްޓަރވަނީ ތުހުމަތުކޮށްފައެވެ. އަދި އެއްވެސް މިސްރާބެއް ނެތި މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ އެސޯސިއޭޝަންތައް މަސައްކަތް ކުރަމުން ގޮސްފައިވަނީ ވަރަށް ދަތި ހާލުގައި ކަމަށްވެސް މިނިސްޓަރ ފާހަގަކުރިއެވެ. މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިފަސް އަހަރު ނިމޭއިރު ޓެކްނިކަލް މީހުންގެ ލަފާއާއެކު އެސޯސިއޭޝަންތައް މަސައްކަތް ކުރާނެ މަންޒިލެއް ހޯދައިދޭނެއެވެ. ކުޅިވަރު އޮޑިޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އޮޑިޓަށް ފަހު ޔޫތް މިނިސްޓްރީން ލަދު ގަންނަ ހާލަތުގައި ބައެއް އެސޯސިއޭޝަންތައް އެބަހުރިކަމަށާއި ސައިކަލުގެ މަޑިދަށުގައި އެސޯސޭޝަންގެ ލިއެކިޔުންތައް ބަހައްޓައިގެން މަސައްކަތް ކުރި އެސޯސިއޭޝަންތަށްވެސް އެބަހުރިއެވެ. އަދި އޮޑިޓަށް ފަހު، ކުޅިވަރުގެ ވަސީލަތްތައް ހުރި ތަންތަނާއި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރގެ ހާލަތުވެސް މިހާރު ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާކަމަށް އެކްޓިންގ ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ. މިހާރު އަލަށް އަޅާ ދަނޑުތަކަކީ ކުޅިވަރުގެ އޮޑިޓަށް ބަލާފަ، އެންމެ ބޭނުންވާ ސަރަހައްދުގައި އަޅާ ދަނޑުތަކެއްކަމަށްވެސް ވިދާޅުވިއެވެ. ކުޅިވަރުގެ މާސްޓަރ ޕްލޭނެއް ހަދާ، މިސަރުކާރުގެ ފަސް އަހަރު ނިމުމުގެ ކުރިން ކޮންމެ ކުޅިވަރެއްވެސް ދުންވަންވީ މަންޒިލް ކަޑައެޅިގެންދާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރުވަނީ ކުޅިވަރުގެ މާސްޓަރ ޕްލޭންއެއް ހެދުމަށް ނިންމާފަ. އޭރުން ހުރިހާ ކުޅިވަރަކަކަށްވެސް އެގޭނެ ދާންވީ މަންޒިލް. ފުޓްބޯޅައިން އޭޝިއަން ކަޕަށްދާނީ ކޮން އިރަކުރަތޯ؟ އެތަނަށް ދިއުމަށްޓަކައި ކޮން ކަންތައްތަކެއްތޯ ކުރާނީ؟ ހޭންޑްބޯޅައިގައި، ވޮލީބޯޅައިގައި، ހުރިހާ ކުޅިވަރެއް. ވަސީލަތް ކިހާ ވަރަކަށްތޯ ބޭނުންވަނީ، ކޮން އިރަކުތޯ ބޭނުންވަނީ؟. ވަކި ފުޓްބޯޅައެއް ނޫން، ވޮލީވެސް ބާސްކެޓް އަދި އެހެން ކުޅިވަރުތަކލަށްވެސް އެބައިގެންޖެހޭ ހާސިލް ކުރަންވީ ކޮންކަމެއްކަން. އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުގެ ސޯލިހުގެ ސަރުކާރުގައި އަޅުގަނޑުމެން މި ފަސް އަހަރުގައި މަންޒިލެއް ޓެކްނިކަލް މީހުންނާ އެކު ހޯދާނަން. އަޅުގަނޑުމެން އުއްމީދުކުރަނީ ކޮންމެ ސަރުކާރަކުން ވެސް އެ މަންޒިލަށް ރާއްޖެ ގެންދާނެ ކަމަށް. އޭރުން ރާއްޖެ ހަގީގީ ތަރައްގީގެ މަގުގައި ދާނެކަމަށް. އަލީ ވަހީދު ބުންޏެވެ.
މިނިސްޓަރ އަލީ ވަހީދުވަނީ ކަސްތަރު ކުރުމަށް ސަންދުރެސްގެ ނަމުގައި އައުޓްޑޯ ޖިމެއް ހުޅުވާދެއްވާފައިއެވެ. އަދި ޔޫތް ސެންޓަރުގައި އެސޯސިއޭޝަންތަކުން މަސައްކަތް ކުރާނެ އޮފީހަކާއި ކުޅުންތެރިންގެ މެޗުތަކަށްފަހު ރިކަވަރީއަށް މަސައްކަތްކުރަނޭ ވަސީލަތްވެސް ގާއިމް ކުރުމަށް މިހާރުވަނީ ނިންމާފައެވެ.