ސިޔާސީ

ކޮމިޝަންތަކަށް ބާރުދޭ ބިލު ނުނިމި އޮތުމަކީ ކުރިމަތިވި ގޮންޖެހުމެއް - ރައީސް


ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭ ބިލް މަޖިލިސް ތެރެއިން ނުނިމި އޮތުމަކީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިން ނިންމާ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް 23 ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ފާސްވެގެން ދިޔައީ އެންމެ 8 ބިލު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު އުއްމީދު ކުރެއްވި ވަރެއް ނޫން ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ރައްޔިތުން ގާތުވީ އެންމެ މުހިއްމު ވަޢުދަކީ އަނިޔާގެ ޝިކާރައަކަށް ވެފައިތިބި ފަރާތްތަކަށް އިންސާފު ހޯދައިދިނުމާއި ދަޢުލަތުގެ ޚަޒާނާއިން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދައިދިނުން ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެެވެ. އަދި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މަޢުލޫމާތު ރައްޔިތުންނަށް ހާމަ ކޮށްދިނުމަކީވެސް އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ރައްޔިތުން ގާތު ވެވަޑައިގެންނެވި ވަޢުދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ވެރިކަމުގެ ފުރަތަމަ ދުވަހު ރިޔާސީ ކޮމިޝަންތައް އަޅުގަނޑު އެކުލަވާލައި އެ ކޮމިޝަންތަކަށް ބާރު ދިނުމަށް ބިލުތައް ފޮނުވިން. މި ބިލުތައް މިއަދާއި ހަމައަށްވެސް ފާސްކޮށްފައި ނުވާކަމީ އަޅުގަނޑަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް. މި ކޮމިޝަންތައް އެކުލަވާލައި މަޖިލީހަށް ބިލުތައް ފޮނުވަން ޖެހުނީ ރާއްޖޭގެ މިއަދުގެ ޙާލަތަށް ރިޢާޔަތްކޮށް،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެފަދަ މައްސަލަތައް ބެލުމަށް ޤާނޫނުން އެކުލަވާލައިފައިވާ ކޮމިޝަންތައް ފާއިތުވި ދުވަސްތަކުގައި އޮތީ ސިޔާސީ ނުފޫޒުގައި ޖެހިފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިއަދު އެތަންތަނަށް ރައްޔިތުން ކުރާ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

"މުޅި ދަޢުލަތުގެ ނިޒާމު އިޞްލާހުކޮށް ހެޔޮވެރިކަމެއް ޤާއިމް ކުރުމަކީ އަޅުގަނޑަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއެއް. މި ޒިންމާ އަދާކުރުމުގައި އެންމެ ފިޔަވަޅެއްވެސް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. އަދި ރައްޔިތުންގެ ޙައްޤުގައި ކުރަންހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ދަޢުލަތުގެ މާލީ ތަފްޞީލުތައް ކޮންމެ ހަފްތާއަކު އެއްފަހަރު ހާމަ ކުރަމުން ގެންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމުންވެސް އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންގެ ފައިސާއިން ޚިޔާނާތްތެރި ނުވާނެކަން ސާބިތުވެގެންދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދެފުށް ފެންނަ ނިޒާމަކުން ސަރުކާރުގެ ޢަމަލުތައް ބެހެއްޓުމުގެ ނަތީޖާ ސަރުކާރަށްވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ފެނިގެން ހިނގައްޖެ ކަމަށެވެ.

"ރައްޔިތުން އެންމެ ބޭނުންވާ އެއްކަމަކީ ބޯހިޔާވަހިކަން. ރައްޔިތުން އާދޭސްކޮށްކޮށް އޮށްވާ ވަރަށް ނާޖާއިޒު ގޮތެއްގައި އަދި ޙައްޤު ނޫން އެތައް ބަޔަކަށް މިދިޔަ ސަރުކާރުން ވަނީ ފްލެޓުތައް ބަހާލާފައި. އެ މައްސަލަތައް ބަލައި އިންސާފު ހޯދައި ދިނުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މި އަންނަނީ ކުރަމުން. އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ލިބިގެންދާނެ. އަޅުގަނޑުމެން އެކަން ކުރާނީ އިންސާފުން. ދެފުށް ފެންނަށް ގޮތަކަށް،" ރައީސް ވިދާޅުވިއެވެ.

ކޮމިޝަންތަކަށް ބާރުދޭ ބިލު ފާސްނުވުމަކީ ލިބިގެންދިޔަ ގޮންޖެހުމެއް ކަމަށް ރައީސް ވިދާޅުވިއިރު މަޖިލީހުގެ ކޮމެޓީން އެ ބިލު ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވުމުންވެސް ބިލަށް ވޯޓަށް އަހާވަރަށް މެންބަރުން ހަމަނުވުމުން ވަނީ ތިން ފަހަރުވެސް ވަނީ އެ ބިލަށް ވޯޓަށް އެހޭނެ ގޮތް ނުވެފައެވެ. އަދި އެންމެފަހުން ފެނިގެންދިޔައީ އެ ބިލަށް ވޯޓަށް އަހަންވެފައި އޮށްވާ ބިލު އެޖެންޑާއިން ނެގިތަނެވެ. ބިލު އެޖެންޑާއިން ނެގީ އެ ބިލް މިނިވަން މުއައްސަސާތަކުގެ ކޮމީޓިން ފާސްކުރި ގޮތް ނޫން އެހެން ގޮތަކަށް އެ ބިލް ހުށަހަޅާފައިވާކަމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަ މެންބަރަކު ސޮއިކޮށް ފޮނުވި ސިޓީއެއް ލިބިވަޑައިގަތުމުން ކަމަށް މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙީމް ވަނި ވިދާޅުވެފައެވެ.