ޚަބަރު

އޮފިޝަލުންގެ ގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބޭނުން ކުރުމުން އީސީއަށް ތަޢުރީފް!


ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިނުމުން ޢާއްމުން އިލެކްޝަންސް ކޮމިޝަނަށް ތަޢުރީފުކޮށްފިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ޢާއްމު އިންތިޚާބެއްގައި މިފަދަ ފަރާތްތައް ބޭނުންކުރި ފުރަތަމަ ފަހަރެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަކީވެސް ޤައުމުގެ މުސްތަޤުބަލު އުޖާލާ ކުރުމަށް ބޭނުން ކުރެވޭނެ ބައެކެވެ. އެމީހުންނަކީ މުޖުތަމަޢުގެ އަޅާލުން އަބަދުވެސް ބޭނުންވާ ބައެއްކަން މިފަދަ ފަރާތްތަކުގެ ޙައްޤުގައި ވަކާލާތު ކުރައްވާ ފަރާތްތަކުން އަންނަނީ އަބަދުވެސް ބުނަމުންނެވެ. މިއަދު ރާއްޖޭގެ ކުންފުނިތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.


ކޮންމެއަކަސް ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ދެވަނައަށް ބޭއްވޭ އެންމެ ބޮޑު އިންތިޚާބެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެތައްހާސް އޮފިޝަލުންނެއް ޙަރަކާތްތެރިވިއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް އިލެކްޝަންސް ކޮމިޝަނުން މިވަނީ ބޭނުންކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަކީ މުޖުތަމަޢުގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ބޭނުންވާ ބައެއް ކަމަށެވެ.

"އެމީހުންނަކީ އަޅުގަނޑުމެން ކޮމިއުނިޓީގެ ބައެއް. އެމީހުންނަކީ އަޅުގަނޑުމެންގެ ޢާއްމު މީހުންނެކޭ އެއްފަދަ ބައެއް. ކީއްވެގެންތޯ އަޅުގަނޑުމެން ހުރިހާ ކަމެއްވެސް ހަމައަށް ދެއްވާފައި ތިބި މީހުންނާއި އެމީހުންނާއި ތަފާތުތަކެއް ގެންގުޅެންވީއެއް. ވަކި ބަޔަކަށް އެކަންޏެއް ނޫން ދެއްތޯ ޤައުމުގެ ބޮޑެތި ކަންކަމުގައި ޙިއްޞާ އޮންނަންވީއެއް. ޤައުމުގެ ކަންކަން ބައްޓަން ކުރުމުގައި އެފަދަ ފަރާތްތަކުގެ އެހީތެރިކަންވެސް އަޅުގަނޑުމެން ހޯދަންޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވިއެވެ.

ކޮންމެއަކަސް ޝަރީފް އެ ވިދާޅުވި ފަދައިން ޤައުމުގެ ކަންކަން ބައްޓަން ކުރުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަކީ މުހިއްމު ކަމެކެވެ. އިލެކްޝަންސް ކޮމިޝަނުން މިފަދަ ކަމެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބައިވެރި ކުރުމުން ބައެއް ފަރާތްތަކުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސަށާއި އެ ކޮމިޝަނަށް ތަޢުރީފް ކޮށްފައެވެ. ބައެއް ފަރާތްތައް ބުނާ ގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އިންތިޚާބުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ދެއްވީތީ އުފާ ކުރާކަމަށް ވަނީ ބުނެފައެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 4700 އޮފިޝަލުން ވަނީ ޙަރަކާތްތެރިވެފައެވެ. އޭގެތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިމެނެއެވެ.