ވިޔަފާރި

"އެމްއެސްސީ މެގްނިފިސިކާ" މާދަމާ ރާއްޖެ އަންނާނެ


މިހާތަނަށް ރާއްޖެއަށް އަންނަ އެންމެ ބޮޑު އެއް ކްރޫސްލައިނާ "އެމްއެސްސީ މެގްނިފިސިކާ" މާދަމާ ރާއްޖެ ބަނދަރުކުރުމަށް ހަމަޖެހިއްޖެއެވެ.

މިއީ ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ ޔޮޓާއި ކުރޫޒްލައިން ގެންނަ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން ރާއްޖެ ގެންނަ އުޅަނދެކެވެ. އެމްއެސްސީ މެގްނިފިސިކާ މާދަމާ ރާއްޖެ އަންނަ އިރު މި އުޅަނދު، ދެ ދުވަހުގެ ނިޔަލަށް މާލެ ބަނަދަރުގައި މަޑުކުރާނެކަމަށް މާޔާއިން ބުނެއެވެ.

މާޔާއިން ބުނީ މި އުޅަނދަކީ މިހާތަނަށް ރާއްޖެ އަންނަ އެންމެ ބޮޑު އުޅަނދަށް ވުމާއެކު ރާއްޖޭގެ އިޤްތިސާދަށް މީގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒް ޝިޕް އޮޕަރޭޓްކުރާ އެމްއެސްސީ ކުންފުނީގެ މި ކްރޫޒްލައިނާއަކީ 547 މިލިއަން ޑޮލަރުގެ އަގުހުރި ޝިޕެކެވެ. ދިގު މިނުގައި 964 ފޫޓް އަދި ފުޅާ މިނުގައި 106 ފޫޓު ހުންނަ މި އުޅަނދަކީ އެއްފަހަރާ 3500 މީހުންނަށް ޚިދުމަތްދިނުމުގެ ޤާބިލުކަން ލިބިގެންވާ އުޅަނދެކެވެ.

ގަޑިއަކު 43 ކިލޯމީޓަރުގެ ބާރު މިނުގައި ދުވާ މި އުޅަނދުގައި ގާތްގަނޑަކަށް 1259 ކޮޓަރިއާއި ފެންވަރު ރަނގަޅު ރެސްޓޯރެންޓުތަކުގެ އިތުރުން ސްވިމިންގ ޕޫލް ވެސް ހިމެނެއެވެ.

އެމްއެސްސީ ކުންފުނިން ދުނިޔޭގެ އެންމެ ބޮޑެތި ކްރުޒްލައިނާތައް އޮޕަރޭޓްކުރާއިރު މިހާރު އެކުންފުނިން އޮޕަރޭޓްކުރާ އެންމެ ބޮޑު ކްރޫޒްލައިނާއަކީ ދިގުމިނުގައި 1000 ފޫޓް ހުންނަ "މެރްވިގްލިއާ" ނަމަކަށް ކިޔާ އުޅަނދެކެވެ.

އެމްއެސްސީ މެގްނިފިސިކާ ރާއްޖެ ގެނައުމުގެ ފަހުގެ ތައްޔާރިތައް ވަމުން އަންނައިރު މިއަހަރު އިތުރު ކްރޫޒްލައިނާތައް ވެސް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް މާޔާއިން ބުނެއެވެ.