ސިޔާސީ

ގާނޫނީ ގޮތުން ހަދާ ގޯސްތައް ހުއްޓުވަން ވަކީލުން ތެދުވަން ޖެހޭނެ - މުއިއްޒު


ޤާނޫނީ ގޮތުން އެއްވެސް ބަޔަކު ގޯހެއް ހަދާނަމަ އެކަމާ ދެކޮޅަށް ޤާނޫނީ ވަކީލުން ތެދުވަންޖެހޭކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އަށްޑިހަ ހަތަރު ޤާނޫނީ ވަކީލަކު ހުވައި ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް 84 ފަރާތަކަށް ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު ވިދާޅުވީ ޤާނޫނީ ގޮތުން ރާއްޖޭގައި ބޮޑެތި ގޯސްތަކެއް ހެދިއިރުވެސް އެކަމާ ދެކޮޅަށް ބަހެއް ނުބުނެވުނީތީ މިއަދު ހިތާމަކުރައްވާ ކަމަށާ، ވަކީލުންގެ ކުރިމަތީގައި ހިނގައިދިޔަ ކަންކަމާ ދެކޮޅަށް މަސައްކަތް ނުކުރެއްވުނީތީ ލަދުވެތިވާކަމަށެވެ.

ގާނޫނީ ގޮތުން ރާއްޖޭގައި ހަދާފައިވާ ބައެއް ގޯސްތަކުގެ މައްޗަށް އަލި އަޅުއްވާލައްވައޮ މުއިއްޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗުގައި ފަނޑިޔާރުން ތިއްބަވާ ޢަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ބަދަލު ގެނައުމަކީ ގޯހެއް ކަމަށާއި މިދިޔަ ސަރުކާރުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލޭ ގޮތަށް ފިޔަވަޅު އެޅުމަކީވެސް ގޯހެއް ކަމަށެވެ. މިހާރު އެފަދަ ކަމެއް ހިނގާނަމަ މިދާއިރާއަށް އަލަށް ނުކުންނަ ވަކީލުން އެކަމަށް ކުރިމަތިލެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

"ހައިކޯޓްގެ ގޮފިތައް ހަދާފައި ފަނޑިޔާރުން ވަކިގޮތަކަށް ތަންތަނަށް ފޮނުވާލުމަށް ތަރުތީބު ކުރުމަށް ކޯޓްތަކުގެ ޤާނޫނަށް ގެނައި އިސްލާހަކީވެސް ޖުޑިޝަރީގެ މިނިވަންކަން ނަގާލުމަށް ނޫނީ ވަކި ބައެއްގެ ނުފޫޒުގެ ދަށަށް ގެނައުމަށް ކުރިކަމެއް. އެކަމާ ދެކޮޅަށް އެއްޗެއް ނުބުނެވުނީތީ ދެރަވޭ." މުއިއްޒު ވިދާޅުވިއެވެ.

ޤާނޫނީ ގޮތުން ނޭދެވޭ ކަމެއް ކުރަންޏާ އެކަމާއި ދެކޮޅަށް ވަކީލުން ތެދުވަންޖެހޭނެކަން ހާމަކޮށްދެއްވައި މުއިއްޒު ވިދާޅުވީ 2012 ވަނަ އަހަރު ފަނޑިޔާރަކު ހައްޔަރު ކުރުމުން އޭނާގެ ހައްގުގައި ވަކީލުން ތެދުވި ކަމަށާއި މިއަދުވެސް އެހެން ކަންތައް ކުރެވެން ޖެހޭނެ ކަމަށެވެ. އެގޮތުން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ މުޙައްމަދު ހައްޔަރުކުރުމުން ފަނޑިޔާރުން ކުރެއްވި މަސައްކަތްތަކަށް އޭނާ އަލި އަޅުއްވާލެއްވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔަ 2012ގައި ފަނޑިޔާރަކު ހައްޔަރުކުރުމާ އެކީގައި ވަކީލުން ސުޕްރީމް ކޯޓަށް ވަޑައިގެން އެ ޤާޒީގެ ފަރާތްޕުޅުން މަސައްކަތްކުރިތަން ފެނިގެންދިޔަ." އޭނާ ވިދާޅުވިއެވެ.

އަލަށް ހުވާކުރެއްވި ޤާނޫނީ ވަކީލުންނަށް ނަސޭހަތްތެރިވަމުން އޭނާ ވިދާޅުވީ ވަކީލުންނަކީ ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވާން ޖެހޭ ބައެއް ކަމަށާއި ވަކީލުން މަސައްކަތް ކުރަން ޖެހޭނީ މުވައްކިލުންގެ ހައްގުގައި ކަމަށެވެ. އެގޮތުން ވަކީލެއްގެ އިހްމާލުން ދެރައެއް ނުވަތަ ގެއްލުމެއް ލިބިއްޖެނަމަ އެފަރާތަކާ ދެކޮޅަށް ތެދުވުމުގެ ފުރުޞަތު މުވައްކިލަށް ލިބިގެންވާ ކަމަށާއި ވަކީލުންގެ އިހުމާލުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މިހާރު ނުދިޔަ ނަމަވެސް އެދުވަސް އޮތީ ދާދިގާތުގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެން ނިންމާ ނިންމުމަކާ ގުޅިގެން މުވައްކިލަށްވެސް އެބައޮތް އަޅުގަނޑުމެންނާ ދޭތެރޭ ފިޔަވަޅު އެޅުމުގެ ފުރުޞަތު. އަދި އަޅުގަނޑަކަށް ފެނިފައެއް ނެތް ވަކީލެއް އިހުމާލުވެގެން ކޯޓަށް ބަދަލު ހޯދަންގޮސް އޮތް ގަޒިއްޔާއެއް. އެކަމަކީ ރާއްޖޭގައި މާދުރުނޫން މުސްތަގުބަލެއްގައި ހަމަ ވެދާނެ ކަަމެއް." މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ 84 ފަރާތަކަށް ލިބިގެންދިޔައިރު އަލަށް ހުވައި ކުރެއްވި ޤާނޫނީ ވަކީލުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. އެ ރަސްމިއްޔާތުގައި އެފަރާތްތަކަށް ވަކީލު ކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން އަޙްމަދު މުއިއްޒާއި އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީދާއި ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުންނެވެ.