ޚަބަރު

ޔޫތު މިނިސްޓަރ މަޚްލޫފުގެ ސަސްޕެންޝަން އުވާލައިފި


ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމުން ގޭގައި މަޑުކުރުމަށް އެންގެވި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް އަނބުރާ މަސައްކަތަށް ނުކުންނަވައިފިއެވެ.

މިކަން ޔޫތު މިނިސްޓަރ މަޚްލޫފު ވަނީ ޓްވިޓަރގައި ހާމަކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭސީސީއާއި ފުލުހުންގެ ތަޙްޤީޤަށްފަހު، އެއްވެސް މައްސަލައެއް ނެތްކަން ހާމަކުރެއްވުމުން، އިތުބާރުކުރައްވައި ރަސްމީ މަސައްކަތަށް އަނބުރާ ނެރެދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ތެދުވެރިކަމާއެކު މަސައްކަތުގައި ދެމިހުންނާނެ ކަމަށްވެސް މިނިސްޓަރ މަޚްލޫފު ވަނީ ވިދާޅުވެފައެވެ.

ކޮރަޕްޝަނަށް މި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަން އިއުލާންކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމުން ޔޫތު މިނިސްޓަރ މިނިސްޓަރ މަހްލޫފާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ޢާއްމުކުރި ރިޕޯޓުގައި ވާގޮތުން ޚިޔާނާތުގެ ފައިސާ އެންމެ ގިނައިން ވަދެފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފާއި ސްޓޭޓްމިނިސްޓަރ އަކްރަމް ކަމާލުއްދީނުގެ އެކައުންޓަށް ވަނީ ފައިސާ ޖަމާކޮށްފައެވެ.

މަޙްލޫފުގެ އެކައުންޓަށް ތެއްތިރީސް ހާސް އެމެރިކާ ޑޮލަރު ނުވަތަ ފަސް ސަތޭކަ ތިރީސް ނުވަހާސް ހަތް ސަތޭކަ ރުފިޔާ ޖަމާކޮށްފައިވާއިރު އަކްރަމް ކަމާލުއްދީނުގެ އެކައުންޓަށް ތިރީސް ހާސް އެމެރިކާ ޑޮލަރު ނުވަތަ ހަތަރު ސަތޭކަ ފަސްދޮޅަސް ދެ ހާސް ހަސަތޭކަ ރުފިޔާވަނީ ޖަމާކޮށްފައެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭރު މިނިސްޓަރ މަޙްލޫފު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ މުޢާމަލާތް ހިނގާފައިވަނީ މީގެ ފަސް އަހަރު ކުރިން ކަމުން، އެކަމާ ދޭތެރޭ ކުޑަވެސް ފަރުވާލެއް ބެހެއްޓިފައި ނެތް ކަމަށެވެ. އަދި އެމުޢާމަލާތަކީ މަޙްލޫފުގެ އާއިލާއިން "ދަ ޖިންސް"ގެ ނަމުގައި ފިހާރައެއް ހިންގި ދުވަސްވަރު ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްޙަ ކަރަންސީ އެކްސްޗޭންޖްގެ މުޢާމަލާތެއް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާގައި ޖެހިފައިވާކަން ސާބިތުވެއްޖެނަމަ މަޤާމުން އިސްތިއުފާދެއްވާނެކަމަށްވެސް މަހްލޫފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރ މަޚްލޫފުގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތު ކުރެވިގެމް މަޤާމުގެ ރަސްމީ މަސައްކަތުން އެކަހެރި ކުރެވުނު ސްޓޭޓް މިނިސްޓަރ އަކްރަމްގެ މައްޗަށް ކުރެވުނު ތުހުމަތުތައް ތަޙްޤީޤުކޮށް އެއްވެސް މައްސަލައެއް ނެތްކަން ތަޙްޤީޤުން އެނގިފައިވާތީ އަކްރަމްވެސް ވަނީ އަނބުރާ ރަސްމީ މަސައްކަތަތައް ނުކުންނަވާފައެވެ.