ޚަބަރު

ވޮލީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރ ކާމިޔާބު - ވީއޭއެމް


ވޮލީގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ވޮލީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޓައިމް އައުޓް ޕްރޮގްރާމްގައި ވާހަކަދައްކަމުން މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ބުނީ ނިމިގެންދިޔަ 4 މަސް ދުވަހަކީ ވަރަށް ކާމިޔާބު 4 މަސްދުވަސް ކަމަށެވެ. އެގޮތުން މި 4 މަސްދުވަހުގެ ތެރޭގައި 28 އެފްއައިވީބީ ކޯޗުން ތަމްރީން ކުރެވިފައިވާކަމަށާއި އެފްއައިވީބީ ލެވެލް 2 ކޯޗިން ކޯސް ރާއްޖޭގެ ފަސް ކޯޗްއަކު ފުރިހަމަކޮށްފައިވާކަމަށެވެ. މި ފަސް ކޯޗުންނަކީވެސް ރާއްޖޭގެ އެކިއެކި އުމުރުފުރާގެ ގައުމީ ޓީމްތަކަށް ކޯޗުކޮށްދޭ ފަސް ކޯޗުންކަން ފާހަގަކޮށްލެެއެވެ.

ލަތީފް ވިދާޅުވީ މިއަހަރުގެ އިންޓަރ ސްކޫލް މުބާރާތަކީވެސް މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު މުބާރާތްކަމަށެވެ. މިއަހަރުގެ އިންޓަރ ސްކޫލް މުބާރާތުގައި 9 ރަށަކުން 42 ޓީމް ބައިވެރިވިއެވެ. މުބާރާތުގައި ޖުމްލަ 50 ޓީމްވަނީ ބައިވެރިވެފައެވެ. ލަތީފް ވިދާޅުވީ އެސޯސިއޭޝަންއިން މިހާރު އެންމެ ބުރަކޮށް މަސައްކަތް ކުރަނީ ވޮލީގެ އިސްލާހީ އެޖެންޑާއަށްކަމަށެވެ. އެގޮތުން ގައުމީ ޓީމްތަކުން ކުޅުންތެރިންނާއި ކޯޗުންގެ ގަވާއިދު އެކުލަވާލެވި އެއަށް މަސައްކަތް ކުރަމުންދާކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ވޮލީ އެސޯސިއޭޝަން ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާކަމަށާއި ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމް ކުރެވިފައިވާކަމަށް ލަތީފް ވިދާޅުވިއެވެ.