ސިއްހަތު

އައިޖީއެމްއެޗުގެ މައްސަލަތައް ހައްލުކުރުން ލަސް ދުވެއްޔެއްގައި


ކޮންމެ ސަރުކާރަކުންވެސް ދައްކަނީ އެއްވާހަކައެކެވެ. ރާއްޖޭގެ ސިއްޙީ ނިޒާމުގައި މައްސަލަތަކެއް އުޅޭ ވާހަކައެވެ. ރާއްޖޭގެ ސިއްޙީ ނިޒާމު އޮތީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް ފެންނަން އޮތް ޙަޤީގަތަކީ އައިސީޔޫގައިވެސް ބަލި މީހާއަށް އެކަށީގެންވާ ފަރުވާ ދީފިނަމަ އެ ބަލިމީހަކު ގަދަވެ ކުރިއަށްވުރެ އޭނާގެ ބަލި ރަނގަޅުވަމުން އަންނަ ފަދައިން ރަނގަޅު ޚިދުމަތްތަކެއް ދޭން ފަށައިފިނަމަ ސިއްޙީ ނިޒާމުވެސް މިހާރު އޮތް ޙާލަތުން އަރައިގަންނާނެ ކަމެވެ. ކޮންމެ ސަރުކާރަކުންވެސް ކުރަމުންދަނީ އެއްކަމެކެވެ. އެއީ ކުރީގެ ސަރުކާރުގެ "ބޮލަށް ހުރިހާ ކަމެއް ކަނޑާ"ލުމެވެ. މިއީ މިއަދާއި ހަމައަށްވެސް ފެންނަމުންދާ އަޑު އިވެމުންދާ ވާހަކަތަކެވެ.

އަތޮޅުތެރޭގެ ސިއްޙީ ޙާލަތުގެ ވާހަކަތައް ދެއްކޭނީ، ފުރަރަށް މާލޭގައި ހުންނަ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުގެ ޙާލަތާއި އެތަނުންދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްގެނެވެ. އަތޮޅު ތެރޭގެ ރަށެއްގައި 200 ނުވަތަ 300 މީހުން ދިރިއުޅޭ ތަނަކާއި ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުން އަންނަ މާލޭއާ އެތައް ގުނައެއް ތަފާތެވެ. ސިއްޙީ ނިޒާމުގައި ވަކި ސަރުކާރެއް ބަދުނާމު ކުރުމުގެ ބޭނުމެއް ނެތެވެ. މިއީ ހުރިހާ ސަރުކާރަކުންވެސް ފުރިހަމަ ޒިންމާ ނަގަންޖެހޭނެ ކަމެކެވެ. ސިއްޙީ ނިޒާމުގައި ހުރި މައްސަލަތައް މިހާ ވަރަށް ބޮއްސުންލައިގެން ދާނީ ކޮންމެވެސް ބައެއްގެ އިހުމާލުންނެވެ.

އަބަދުވެސް ސޯޝަލް މީޑިއާއިން ފެންނަމުންދަނީ އައިޖީއެމްއެޗުގެ ޚިދުމަތްތަކާމެދު މީހުން ހިތްހަމަނުޖެހި ރުޅިއައިސްގެން ކުރަމުން ގެންދާ ޝަކުވާތަކެވެ. ދާދިފަހުންވެސް ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ސެންޓްރަލް ކޫލިންގ ސިސްޓަމް އެއްކޮށް ހަލާކުވުމާގުޅިގެން އައިސީޔޫގެ އިތުރުން ހޮސްޕިޓަލުގެ އެހެން ތަންނަނުގައިވެސް އޭސީ ނެތުމުގެ ސަބަބުން ހޫނުވެ އެކަމުގައި ޢާއްމުންގެ ޝަކުވާ މިވަނީ ބޮޑުވެފައެވެ.

ސޯޝަލް މީޑިއާގައި އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ސްޓޭންޑް ފަންކާއެއް ޖަހާފައި ހުންނަ މަންޒަރު ފެންނަ ފޮޓޯއެއްވަނީ ޢާއްމުކޮށްފައެވެ. މިކަމާ ގުޅިގެން ޢާއްމުންގެ ގިނަ ބައެއްގެ ޝަކުވާވަނީ ސޯޝަލް މީޑއާއަށް ބަންޑުންކޮށްލާފައެވެ.

މިޝަކުވާތައް ސޯޝަލް މީޑިއާގައި އެނބުރެން ފެށުމާއެކު އައިޖީއެމްއެޗުން މިވަނީ މިކަމާ ގުޅޭ ނޫސްބަޔާނެއް ނެރެފައެވެ. އައިޖީއެމްއެޗްގެ ފިނިކުރާ ނިޒާމު ހަލާކުވެފައިވުމާ ގުޅިގެން އެމައްސަލަ ޙައްލުކުރުމަށް މިހާރު ކޫލިންގ ޓަވަރެއް ހޯދުމަށް ބޭރަށް އޯޑަރުކޮށްފައިވާކަމަށް އެހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިމައްސަލަ ޙައްލުކުރުމަށް އަދި ގާތްގަނޑަކަށް މަހެއްވަރު ނަގާނެކަމަށް އެހޮސްޕިޓަލުގެ ބަޔާނުގައިވަނީ ބުނެފައެވެ. މިކަން އެހޮސްޕިޓަލުން ފާހަގަކޮށްފައިވާއިރު ދާދިފަހުން އިންޑިއާ ސަރުކާރުންވަނީ އައިޖީއެމް އެޗު މަރާމާތުކުރުމަށާއި އެހޮސްޕިޓަލަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމުގައި އެހީތެރިވެދޭނެކަމަށް އެއްބަސްވެފައެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދޭތާ 30 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ އައިޖީއެމްއެޗުގެ ޢާއްމު ވޯޑުތައް އެއަރކޮންޑިޝަންކޮށް މިހާރު ނިންމާލެވިފައިވާކަމަށް އެހޮސްޕިޓަލުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިއީ ލައްކައަކަށްވުރެ ބޮޑު އާބާދީއަކަށް ޚިދުމަތްދޭ ރާއްޖޭގެ މައި ހޮސްޕިޓަލުގެ ޙާލަތެވެ. އަތޮޅު ތެރޭގައި އޮންނަ އެންމެ ބޮޑު ޝަކުވާއަކީ މާލެއަށް ހުރިހާ ކަމެއްވާކަމާއި އަތޮޅުތެރެއަށް ކަމެއް ނުވާކަމުގެ ވާހަކައެވެ. އަތޮޅު ތެރޭގެ ޞިއްޙީ ނިޒާމު ޙައްލުވެގެންދާނީ ސަރުކާރުގެ މައި ހޮސްޕިޓަލުގައި ޖެހިފައިވާ ލައްތައް ފުރަތަމަ ފިލުވައިގެންނެވެ.