ޗެމްޕިއަންސް ލީގު ސެމީ ފައިނަލް މެޗުތައް ކުޅޭ ތާރީހްތައް ކަނޑައަޅައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ނެދަލޭންޑްސްގެ އަޔެކްސް އާއި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ކުޅޭ މެޗު ކުޅޭނީ މި މަހުގެ 30 ވަނަ ދުވަހު ލަންޑަނުގައެވެ. މި ދެ ޓީމު އަޔެކްސްގެ ދަނޑުގައި ކުޅޭ މެޗު އޮންނާނީ މޭމަހުގެ އަށްވަނަ ދުވަހުއެވެ.
ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިނގިރޭސިވިލާތުގެ ލިވަޕޫލާއި ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ބާސެލޯނާގެ ކޭމްޕްނޯގައެވެ. މި މެޗު ކުޅޭނީ އަންނަ މަހުގެ އެއްވަނަ ދުވަހު. ލިވަޕޫލްގެ އެންފީލްޑްގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެރޭގައެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަތުން ބަލިވި ލިވަޕޫލް ސެމީ އަށް ދަތުރުކުރީ ޕޯޗުގަލްގެ ޕޯޓޯ ބަލިކޮށްގެންނެވެ. ބާސެލޯނާ ސެމީ ފައިނަލަށް ދަތުރުކުރީ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައެވެ. ޓޮޓެންހަމް ސެމީ އަށް ދަތުރުކުރީ މެންޗެސްޓާ ސިޓީއާއެކު ކުޅުނު ދެ މެޗުގެ އެގްރީގޭޓުން 4-4އިން އެއްވަރުވުމުން އަވޭ ގޯލުގެ ތަފާތުންނެވެ. އަޔެކްސް ސެމީ އަށް ދަތުރުކުރީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ޔުވެންޓަސް ބަލިކޮށްގެންނެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ ފަހުކޮޅު ރެއާލް މެޑްރިޑުގެ ދަނޑުގައެވެ.