މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ ފިލިލް ކުޓީނިއޯ ޖެހި ގޯލަށް ފަހު އުފާފާޅު ކުރަން އޭނާ ކުރި ހަރަކާތްތަކުގެ މާނައާ މެދު ގިނަ ސުވާލުތަކެއް އުފައްދަން ފަށައިފިއެވެ.
ކުޓީނިއޯ މި ގޯލު ޖަހާފައިވަނީ އޭނާގެ ކުޅުމާމެދު ބާސެލޯނާގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނިކޮށެވެ. މި ގޮތުން ބައެއް ސަޕޯޓަރުން ވަނީ ދަނޑުގައި ތިބެ އޭނާ އަށް މަލާމާތްކޮށްފައެވެ. އެއީ 148 މިލިއަން ޕައުންޑަށް މިދިޔަ ސީޒަނުގައި ގެނައި ކުޅުންތެރިޔާ އަށް މި ސީޒަނުގައި މޮޅަށް ނުކުޅެވޭނެ ކަމަށް ބުނެއެވެ.
ނަމަވެސް ސީޒަނުގައި އޭނާގެ 11 ވަނަ ގޯލާއެކު ކުޓީނިއޯ އުފާފާޅު ކުރީ ދެ ކަންފަތުގައި އިނގިލި އަޅައިގެން ހުރެއެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ އޭނާ އެމަންޒަރު ނުދެކޭ ކަމަށާއި އަދި އެ ހަރަކާތުގެ މާނަ ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް ކުޓީނިއޯ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށާއި ޓީމަށް އޭނާގެ ފަރާތުން ލިބޭ އެހީތެރިކަމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. ކުޓީނިއޯގެ ކުރިމަގާ ބެހޭ ގޮތުން ބާސެލޯނާގެ ރައީސް ޖޯސެފް މާރިއޯ ބާޓޮމެއު ބުނީ ކުޓީނިއޯ ވިއްކާލަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އޭނާގެ ރިލީޒްކުރަން ކޮންޓްރެކްޓްގައި ބުނެފައިވާ އަދަދު ދޭން ކުލަބަކުން ހުށަހަޅައިފިނަމަ އެކަމާ ވިސްނާނެ ކަމަށެވެ.
ކުޓީނިއޯ ވެސް ބުނީ ބާސެލޯނާ އަކީ އޭނާގެ ދެ ވަނަ ގެ ކަމަށާއި އަންނަ ސީޒަނުގައި ވެސް ހުންނާނީ ބާސެލޯނާގައި ކަމަށެވެ.