ކުޅިވަރު

ގްރީންއިން އާސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ފަށައިފި


އަލީ އަޝްފާގާއި މުހައްމަދު އުމެއިރާއެކު ކްލަބް ގްރީން ސްޓްރީޓްސްއިން އާސިޒަނަށް ތައްޔާރުވާން ފަރިތަކުރުންތައް ފަށައިފިއެވެ. ކްލަބް ގްރީން ސްޓްރީޓްސް އަކީ އާ ސީޒަނަށް ތައްޔާރުވާން ފަރިތަކުރުންތައް ފެށި ދެވަނަ ޓީމެވެ.

އެންމެ ފުރަތަމަ ފަރިތަކުރުންތައް ފަށާފައިވަނީ މާޒިޔާއިންނެވެ. މިދިޔަ ސީޒަންގައިވެސް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން އާއެކު ފަރިތަކުރުންތައް ފެށީ ފަންސަވީސް ކުޅުންތެރިންނާ އެކުގައެވެ.

ގްރީން ސްޓްރީޓްސްއަށް ކުރިއަށް އޮތް ސީޒަނަށް ޓީމުއިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ގެނައި އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިން ކަމުގައިވާ ކުރީގެ ޤައުމީ ކެޕްޓަން އަލީ އަޝްފާގާއި މުހައްމަދު އުމެއިރުވެސް ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. މީގެއިތުރުން މިދިޔަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބުން ފެނިގެންދިޔަ ގްރީންގެ ކުރީގެ ފޯވާޑް އަހުމަދު ރަޝީދުވެސް ވަނީ އަލުން ޓީމާ ގުޅި ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. މީގެއިތުރުން މިދިޔަ އަހަރު ނިއުއިން ފެނުނު ހަސަން އަދުހަމްވެސް މިފަހަރު ފެނިގެންދާނީ ގްރީން ސްޓްރީޓްސްއިންނެވެ.

ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނީ މިއީ އޭނާ ވަރަށް ހިތްހަމަ ޖެހޭ ސްކޮޑެއް ކަމަށާއި މިފަހަރުގެ އަމާޒަކީ ތައްޓަކާ ހިސާބަށް ވާސިލްވުން ކަމަށެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ އަލީ އަޝްފާގާއެކު އަލުން މަސައްކަތްކޮށްލަން ލިބުމަކީ ލިބުނު އިތުރު ހިތްހަމަޖެހުމެއްކަމަށާއި އަޝްފާގާއި އުމެއިރު އަދި މިދިޔަ އަހަރުގެ ކެޕްޓަން އައްސަދު (އަޑޭ) ފަދަ ތަޖްރިބާހުރި ކުޅުންތެރިން ޓީމުގައި ތިބުމުން ތައްޓަކާ ހިސާބަށް ވާސިލްވުމަށް ވަރަށް ބޮޑު ޕްރެޝަރެއް އޮންނާނެ ކަމަށްވެސް ކޯޗު އަލީ ސުޒެއިން ބުންޏެވެ.

"ގްރީންގެ ކޯޗަކަށް ކޮންމެ މީހަކު ހުރިކަމުގައިވީނަމަވެސް މިވަރުގެ ރަނގަޅު ސްކޮޑަކާއެކު ތައްޓަކާ ހިސާބަށް ޓީމު ގެންގޮސްދީ ރަނގަޅު ނަތީޖާއެއް ނެރެން ބޮޑު ޕްރެޝަރެއް އޮންނާނެ. މިހާރު މިއޮތް ސްކޮޑާމެދު ވަރަށް ހިތްހަމަ ޖެހޭ."

މިފަހަރު ފުޓްބޯޅަ ސީޒަން ފަށަން އެފް.އޭ.އެމުން ނިންމާފައި ވަނީ ޖޫން މަހުގައެވެ. އެހެންނަމަވެސް މިއަހަރުގެ ފުޓްބޯޅަ ކަލަންޑަރު އެފް.އޭ.އެމުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.