ޚަބަރު

އެންމެ ފަހުގެ ޗެންޕިއަން ގްރޭޓަރ މާލޭ ކަޓުވާލުމަށްފަހު އުރީދޫއިން ސެމީ ފައިނަލަށް


އެންމެ ފަހުގެ ޗެންޕިއަން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކަޓުވާލުމަށްފަހު އުރީދޫ، ކުލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް އުރީދޫ ކާމިޔާބުކުރީ 5 ލަނޑު 4 ލަނޑުންނެވެ. މެޗް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އުރީދޫއިން ވަނީ ދެ ލަނޑު ޖަހާ މެޗްގެ ލީޑްނަގާފައެވެ. ފުރަތަމަ ހާފްގެ ކުރީކޮޅުގައި އުރީދޫއިން ޖެހި ފުރަތަމަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ރާއްޖޭގެ އެންމެ އިތުބާރު އެއް ފޯވާޑް އަލީ ފާސިރުގެ ބޭބެ މުހައްމަދު ފާސިރު، އުރީދޫގެ ދެވަނަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރުއެވެ. ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް ވަރަށް އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގްރޭޓަރ މާލޭގެ ޓީމްއިންވަނީ ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ދެ ލަނޑުގެ ލީޑެއް އޮތުމާއެކު އުރީދޫއިން ވަރަށް ބޮޑަށް ޑިފެންސްއަށް ވިސްނާ، ކައުންޓަރ އެޓޭކްތަކުގައި ގްރޭޓަރ މާލޭގެ ގޯލްއަށް ނުރައްކާ ކުރަމުންދިޔައެވެ. ގްރޭޓަރ މާލޭގެ ފުރަތަމަ ގޯލް އެޓީމްއަށް ކާމިޔާބުކޮށްދިނީ މިދިޔަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއަށް ކުޅުނު ރިހާމް އަބްދުލް ޢަނީއެވެ. ގްރޭޓަރ މާލޭއިން ފޮނުވާލި ގިނަ ހަމަލާތަށްވަނީ އުރީދޫގެ ކީޕަރު ދިފާޢުކޮށްފައެވެ.
ރިހާމްގެ ލަނޑަށްފަހު އުރީދޫއިންވަނީ ކައުންޓަރ އެޓޭކްގައި ދެ ލަނޑުޖަހާ ލީޑް އިތުރަށް ފުޅާކޮށްފައެވެ. މިދެ ލަނޑު އުރީދޫއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު އާއި އަބްދުﷲ ޒައީމްއެވެ. 2ވަނަ ފަހަރަށް ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯންގެ ޓީމަށް ފަރަގު ކުޑަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީވެސް ރިހާމް އަބްދުލް ޢަނީއެވެ.
ގްރޭޓަރ މާލޭއިން ޖެހި ފަހު ދެ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިފްއަތު އާއި ރިހާމް އަބްދުލް ޢަނީއެވެ. އުރީދޫގެ ފަހު ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިޝްފާންއެވެ.
މެޗްއަށްފަހު އުރީދޫ ޓީމްގެ ކޯޗް އާފިޢު މުހައްމަދު ބުނީ މެޗްގައި އެންމެ ފުރަތަމަ ދެ ލަނޑު ޖެހުމާއެކު މަޑުޖައްސާލައިގެން ކުޅުމުގެ ފުރުސަތު ލިބިގެންދިޔަކަމަށެވެ. އަދި އިދިކޮޅު ޓީމުގެ ކުޅުންތެރިންނަށް ވުރެއް ފިޓްނަސް އުރީދޫގެ ކުޅުންތެރިންގެ ދަށްވުމުން މެޗްގެ ފަހު ކޮޅަށް ދިޔަވަރަކަށް އުރީދޫއަށް ޕްރެޝަތު ބޮޑުވެގެންދިޔަކަމަށެވެ. އަދި މެޗްއިން މޮޅުވުމުގައި އެންމެ ބޮޑު ހިއްސާއެއް ކުޅުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން އެކަށީގެންވާގޮތުގައި ހިފުންކަމަށް އާފިޢު ބުނިއެވެ.

ގްރޭޓަރ މާލޭ އިންޓަސްޓްރިއަލް ޒޯން ލިމިޓެޑްގެ ހަމްޒާ އަބްދުﷲ ބުނީ އުރީދޫއިން މެޗްގެ ވަރަށް ކުރީކޮޅުގައި ދެ ލަނޑު ޖެހުމުން، ގްރޭޓަރ މާލޭ އިންޓަސްޓްރިއަލް ޒޯމް ލިމިޓެޑްގެ ޓީމްއިން ކުރަންޖެހޭ މަސައްކަތް ދެ ގުނައަށް އިތުރުވެގެންދިޔަކަމަށެވެ. އަދި މެޗްގައި ލަނޑު ޖެހުމަށް ވަރަށް ގިނަ ފުރުސަތު ލިބިގެންދިޔަކަމަށާއި ނަމަވެސް އޭގެއިން ބޭނުން ކުރެވިފައި ވަނީ ވަރަށް މަދު ފުރުސަތެއްކަމަށް ހަމްޒާ ބުނިއެވެ. އަދި އެންމެ ފަހުގެ ޗެންޕިއަންއަށް ވުމުން އެއީވެސް ކުޅުންތެރިންނަށް ކުރިމަތިވި ވަރަށް ބޮޑު ޕްރެޝަރެއްކަމަށްވެސް ހަމްޒާ އަބްދުﷲ ބުނިއެވެ.