ޚަބަރު

ޕެނަލްޓީ ޖަހައިގެން ޕްރިޒަން ކުލަބް ބަލިކޮށް ކްލަބް އިމިގްރޭޝަން ސެމީ ފައިނަލްއަށް ދަތުރުކޮށްފި


ޕެނަލްޓީ ޖަހައިގެން ޕްރިޒަން ކުލަބް ބަލިކޮށް ކްލަބް އިމިގްރޭޝަން، ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްއަށް ދަތުރުކޮށްފިއެވެ.
މެޗްގެ ފުރިހަމަ ވަގުތު ހަމަވީރު ދެ ޓީމްވެސް ވަނީ 3 ލަނޑު 3 ލަނޑުން އެއްވަރުވެފައެވެ. ވާދަވެރި އަދި ގިނަ ފައުލްތަކެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑުޖަހާ ލީޑްނެގީ ކުލަބް އިމިގްރޭޝަންއިންނެވެ. ގިނަ ހަމަލާތަކެއް އުފައްދަމުން ގޮސް އިމިގްރޭޝަންގެ ފުރަތަމަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ފައްރާޙުއެވެ. އިމިގްރޭޝަން އަދި ޕްރިޒަންއިންވެސް ދިޔައީ ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. ޕްރިޒަން ކުލަބްއިން ކުޅުން ރަގަނޅުކޮށް ފަހަތުން އަރާ މެޗްގެ ނަތީޖާ އެއްވަރުކޮށް އަދި ލީޑްވެސް ނެގިއެވެ. ޕްރިޒަންއަށް އެއްވަރު ކުރި ލަނޑު ޖަހާދިނީ އަހުމަދު ވިޖުދާންއެވެ. އަދި ޕްރިޒަން ކުލަބްއަށް ލީޑް ނަގާދިން ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ހަލީމްއެވެ. މެޗްގައި ފުރަތަމަ ފަހަރަށް ޕްރިޒަން ކުލަބްއިން ލީޑް ނެގުމާއި އެކު އިމިގްރޭޝަން ކުޅުން ރަގަނޅުކޮށް އިތުރު ދެ ލަނޑުޖަހާ އަލުން މެޗްގެ ލީޑް ހޯދިއެވެ.

މިދެ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ވިޝާން އާއި އާދަމް އިބްރާހިމްއެވެ. އިމިގްރޭޝަންއިން ލީޑް ނެގުމާއެކު ޕްރިޒަން ކުލަބްއިން ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗް ނިމެން ދެތިން މިނެޓްއަށްވެފައިވަނިކޮށް ޕްރިޒަން ކުލަބްއިންވަނީ އިތުރު ލަނޑެއްޖަހާ މެޗްގެ ނަތީޖާ އެއްވަރުކޮށްފައިއެވެ. މިލަނޑު ޕްރިޒަންއަށް ކާމިޔާބުކޮށްދިނީ ޖައިލަމް ޖަމީލްއެވެ. 3 ލަނޑު 3 ލަނޑު މެޗް އެއްވަރުވުމާއި ގުޅިގެން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕްރިޒަން ކުލަބްއަށް 4 ޕެނަލްޓީ ކާމިޔާބު ކުރެވުނުއިރު، އިމިގްރޭޝަންއިންވަނީ 5 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ކުލަބް އިމިގްރޭޝަންގެ ކޯޗް މުހައްމަދު ނިޒާމްބުނީ މިއީ ފުޓްސެޓްގެ ހުރިހާ ކަންތަށްތަކެއް ހިމެނުނު މެޗްއެއްކަމަށާއި ޕެނަލްޓީއާއި ހަމައަށް ނުގޮސް މެޗް އިމިގްރޭޝަންއަށް ކާމިޔާބު ކުރެވޭނެކަމަށް ގަބޫލް ކުރާކަމަށް ނިމާޒް ބުނިއެވެ. ޕްރިޒަން ކުލަބްއިން ޖެހި ތިން ލަނޑުގައިވެސް އިމިގްރޭޝަން ކުޅުންތެރިންގެ މިސްޓޭކް ފާހަގަކޮށްލެވޭކަމަށާއި ޕެނަލްޓީއާއި ހަމައަށް ދިއުމުން ކީޕަރު ތޮލާލްއާއި މެދު ވަރަށް ބޮޑު ޔަގީންކަމެއް އޮތްކަމަށް ކޯޗް ނިޒާމް ބުނިއެވެ.

ޕްރިޒަން ކުލަބްގެ ކޯޗް އާތިފް މުހައްމަދު ބުނީ މެޗްގައި ކުޅުންތެރިންގެ ފަރާތުން ވަރަށް ރަގަނޅު ކުޅުމެއް ފެނިގެންދިޔަކަމަށާއި ޕެނަލްޓީއާއި ހަމައަށް ގޮސްގެން މެޗުން ބަލިވުމުގައި ނަސީބުވެސް އެހީ ނުވީކަމަށް އާތިފް ބުނެފިއެވެ. އަދި ލީޑްގައި އޮވެގެން މެޗް ނިމެންދަނިކޮށް، ކުޅުންތެރިންނަށް ހެދުނު އެންމެ މިސްޓޭކްއަކުން މެޗް ޕެނަލްޓީއަށް ދިޔައީކަމަށްވެސް ޕްރިޒަން ކުލަބްގެ ކޯޗް އާތިފް މުހައްމަދު ބުނެފިއެވެ.