މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރޯއި ކީން އަށް މިޑްފީލްޑަރު ޕައުލް ޕޮގްބާ ރައްދު ދީފިއެވެ.
ޔުނައިޓެޑްގެ އެންމެ ކާމިޔާބު ދުވަސްވަރު ޓީމުގެ ކެޕްޓަންކަންކުރި ކީން ވަނީ ޓީމުގެ މިހާރުގެ މައްސަލައަކީ ޕޮގްބާ ކަމަށް ބުނެފައެވެ.
މެންޗެސްޓާ ސިޓީ އަތުން ޔުނައިޓެޑް ބަލިވި މެޗަށްފަހު ޓީވީގައި ވާހަކަ ދައްކަމުން ކީން ބުނީ ޕޮގްބާ އަކީ ޔުނައިޓެޑްގެ މައްސަލަ ކަމަށާއި އޭނާގެ ކުޅުން ހުރީ މާއަމިއްލަ އެދުންބޮޑުކޮށް ކަމަށެވެ. އަދި ވޯލްޑް ކަޕް އުފުލާފާފައިހުރި އަގުބޮޑު ކުޅުންތެރިއެއްގެ ފުށުން ފެންނަންޖެހޭ ކޮލިޓީ ޕޮގްބާ އަށް ނުދެއްކޭ ކަމަށް ކީން ބުނެފިއެވެ.
މިކަމާ ގުޅިގެން ޕޮގްބާ ބުނީ އޭނާ އަށް މުސާރަ ދެނީ ޓީވީގައި ވާހަކަ ދައްކައި އަނގަތަޅަން ނޫން ކަމަށާއި، އޭނާ އަށް ދޭ މުސާރަ ހައްގު އެއްޗަކަށް ހަދަނީ ދަނޑުމަތީގައި އެކަން ސާބިތުކޮށްދީގެން ކަމަރެވެ.
މިއާ ހިލާފަށް ކީން އަށް ޓީވީން މުސާރަ ދެނީ އަނގަތަޅަން ކަމަށާއި މިހެންވެ ކޮންމެވެސް ވާހަކައެއް ދައްކަންޖެހޭނެ ކަމަށް ޕޮގްބާ ބުނެފިއެވެ.
މި ސީޒަނުގައި 15 ގޯލު ޖަހާފައިވާ ޕޮގްބާ އަކީ އިނގިރޭސި ލީގުގެ ޑްރީމް ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ. ސިޓީ އާއި ލިވަޕޫލް ފިޔަވައި އެހެން ޓީމަކުން ޑްރީމް ޓީމަށް އެރި ހަމައެކަނި ކުޅުންތެރިއަކީ ވެސް ޕައުލް ޕޮގްބާއެވެ.