"އޭއެފްސީ ގްރާސްރޫޓް ފުޓްބޯލް ޑޭ" އައްޑޫގައި ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި "އޭއެފްސީ ގްރާސްރޫޓް ފުޓްބޯލް ޑޭ" ޚާއްސަ ފެސްޓިވަލެއް ކުރިއަށް ގެންގޮސްފައެވެ. މި ފެސްޓިވަލްގައި ބައިވެރިވެފައިވަނީ 6 އަހަރާއި 13 އަހަރާއި ދެމެދުގެ އަންހެންކުދިންނެވެ. މި ފެސްޓީވަލުގައި އައްޑުގެ 5 ސްކޫލަކުން 200 އަންހެން ކުދިންވަނީ ބައިވެރިވެފައިއެވެ.
އެފްއޭމްގެ ހެޑް އޮފް ގްރާސްރޫޓް އަޙުމަދު ޝަރީފް (ޑުންގާ) ބުނީ މި އައްޑުގައި ފުޓްބޯޅަކުޅުމަށް ޝައުޤުވެރިވާ އަންހެންކުދިންނަށް އަމާޒުކޮށްގެން ބޭއްވި މި އިވެންޓަށް ހީވެސް ނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.
"މި އިވެންޓަކީ އޭއެފްސީގެ ގްރާސްރޫޓް ޑޭ ފާހަނގަކުރުމުގެ ގޮތުން ބޭއްވިިގެން ދިޔަ އިވެންޓެއް. ކޮންމެ އަހަރެއްގައިވެސް މޭއި 15 ގައި އޭއެފްސީ ގްރާސްރޫޓް ޑޭ ފާހަނގަކުރަނީ އެކަމަކު އެއީ ރަމްޟާން މަހަށްވުމުން އެފްއޭއެމްގެ އެޕްރޫވަލް އާއި އެއްކޮށް މި އިވެންޓް ބޭއްވިގެން މިދިޔައީ. ކޮންމެ އަހަރަކުވެސް އައްޑޫ އަދި މާލެގައި މި އިވެންޓް ސެލެބްރޭޓް ކުރަނީ".ޑުންގާ ބުންޏެއެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އިޙްސާން އަބްދުލް ޢަނީ ބުނީ އަންހެންކުދިން ފުޓްބޯޅަ ކުޅެން އެފްއޭއެމުން ވަރަށްބޮޑަށް އަހައްމިޔަތުކަމެއް ދޭކަމަށާއި ރޯދަމަސް ނިމުމަށްފަހު ހަފްތާއަކު 3 ދުވަހު އައްޑޫގެ އަންހެންކުދިންނަށް ކުޅެވޭނެ ގޮތް ހަމަޖެހިގެންދާނެކަމަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގައި އެފްއޭއެމުން ވަނީ ބާރަ އަހަރުން ދަށުގެ ކުދިންނަށް ޢަމާޒުކޮށް "ޓުވާރޑްސް ފިއުޗަރގެ" ޝިޢާރުގެ ދަށުން މުސްތަޤުބަލަށް ބޭނުންވާ ފުޓުބޯޅަ ކުޅުންތެރިން ބިނާ ކުރުމުގެ މަޤުޞަދުގައި ދެދުވަހުގެ ގްރާސްރޫޓްސް މުބާރާތެއް އައްޑޫ ސިޓީގައި ބާއްވާފައިއެވެ. އެފްއޭއެމް ގެ ޢަމާޒަކީ މާލެއާއި އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ވެސް އެފްއޭއެމްގެ އޮފީސްތައް ހުޅުވައި، މުޅި ރާއްޖެއަށް ޢަމާޒުކޮށްގެން މިފަދަ މުބާރާތްތައް ބޭއްވުން ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.