ވިސްނުން މިވަގުތު އެއްކޮށް ހުސްކޮށްފައިހުރީ ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީ ހުއްޓުވަން ކަމަށާއި އެވޯޑްތައް ހޯދަން ނޫންކަމަށް ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ބުނެފިއެވެ.
ނެދަލޭންޑްސްގެ ކެޕްޓަން މިހެން ބުނީ އިނގިރޭސި ލިގުގެ މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ލިބުމުން ކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ. އިނގިރޭސި ނޫސްވެރިންގެ އެންމެ މުހިންމު އެއް ސުވާލަކަށްވީ ޔޫރަޕުގެ މޮޅު ކުޅުންތެރިއަށްދޭ ބެލޮންޑޯ އެވޯޑަށް އޭނާ ޝައުގުވެރިވޭތޯއެވެ.
ނަމަވެސް ވެންޑައިކް ބުނީ އެއީ އޭނާ ވިސްނާ ކަމެއްނޫން ކަމަށެވެ. އޭގެ ބަދަލުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މެސީ ހިފަހައްޓަން ތައްޔާރުވަމުންދާކަމަށެވެ.
މެސީ އަކީ ރެކޯޑް އަދަދެއް ކަމަށްވާ ފަސް ފަހަރު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. އަދި މި އަހަރު ބެލޮންޑޯއަށް އެންމެ ބޮޑަށް ވާދަކުރާނެކަމަށް ބެލެވެނީވެސް މެސީއެވެ.
ވެންޑައިކް ބުނީ އޭނާ ތައްޔާރުވާނީ މެސީ ހުއްޓުވަން ކަމަށާއި ބާސެލޯނާ އަކީ މޮޅު ޓީމެއްކަމަށެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރ ވެންޑައިކް ބުނީ ކުޅުން އެއްފެންވަރެއްގައި ހިފެހެޓޭތީވެ އުފާ ކުރާ ކަމަށެވެ.