އަތޮޅުތެރޭގައި ގާއިމް ކުރެވުނު ފުރަތަމަ ފޮރެންސިކް ލެބް ކުޅުދުއްފުށީ
ޕޮލިސް ސްޓޭޝަންގައި ހުޅުވައިފިއެވެ. ފުލުހުންގެ 82 ވަނަ އަހަރީދުވަސް
ފާހަގަކުރުމުގެ ގޮތުން އުތުރުގެ ސަރަހައްދުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް
ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި ލެބް ހުޅުއްވައި ދެއްވީ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކޮމިޝަނަރ އޮފް
ޕޮލިސް ހުސެން ވަހީދުއެވެ.
ލެބް ހުޅުއްވައި ދެއްވުމަށް ފަހު ކޮމިޝަނަރ އާއި ނައިބުރައީސް ވަނީ ލެބްގައި
ޤާއިމްކުރެވިފައިވާ ޚިދުމަތްތައް ބައްލަވައި ލައްވަވާފައެވެ. ކުޅުދުއްފުށީގައި
ހުޅުވިގެންދިޔަ ފޮރިންސިކް ލެބުގައި ސެލް ފޯނާއި ކޮމްޕިއުޓަރުން ހޯދާ ޑިޖިޓަލް
ފޮރިންސިކް އެވިޑެންސާއި ފިންގަރ ޕްރިންޓް ޑާޓަރ ކަލެކްޓް ކުރުމުގެ އިތުރުން
މަސްތުވާ ދިޔާތަކެއްޗާއި ބޮޑީ ފުލުއިޑް ޓެސްޓު ކުރުމުގެ ގާބިލްކަން ހުންނާނެ
ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި މި ލެބްގެ އެހީގައި އުތުރުގެ
ސަރަހައްދުތަކުގައި ތަހުޤީގު ކުރެވޭ މައްސަލަތަކުގެ ފޮރިންސިކް ހެކި މާލެނުގެނެސް
ތަހުލީލުކުރެވިގެން ދާނެކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮއްދިނުމަށް ކަނޑައަޅާފައިވާ
އުސޫލުގެ ދަށުން ހުޅުވިގެންދިޔަ މި ލެބްގެ ސަބަބުން ތަހުޤީގު މަރުހަލާ އެތައް ގުނައެއް
އަވަސްވެގެން ދާނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުން ބުނީ، ކުޅުދުއްފުށީ
ޕޮލިސް ސްޓޭޝަންގައި ހުޅުވިގެންދިޔަ ފޮރިންސިކް ލެބްގައި މަސައްކަތް ކުރައްވާނީ
އެދާއިރާތަކުން ތަޢުލީމު ހާސިލްކޮއްގެންތި ބި ސެޓިފައިޑް ފުލުހުން ކަމަށެވެ.