ޚަބަރު

ސީލައިފުން ފައިސާ އަތުލި މީހުން އެ އެމީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައިފި


ފުލެޓު އަޅައިދޭނެކަމަށް ބުނެ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ފައިސާ އަތުލި މީހުން، އެމީހުންގެ ޙައްގުތައް ހޯދައިދިނުމަށް ގޮވާލާ އަޑުއުފުލައިފިއެވެ.

މިކަމާ ގުޅިގެން އަޑު އުފުލުމަށް އެ ފަރާތްތަކުން ވަނީ މިއަދު ހުޅުމާލޭގައި ހިނގާލުމެއް ބާއްވާފައެވެ. މި ހިނގާލުމުގެ ބައިވެރިން ވަނީ ފްލެޓު ގަތުމަށް ފައިސާ ދެއްކި މީހުންގެ ޙައްގުތައް ގެއްލިފައިވާތީ އެޙައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އިންސާފު ނުލިބި ދިގުލައިގެންދާތީ އެކަން އަވަސްކޮށްދިނުމަށްވެސް އެފަރާތްތަކުން ވަނީ ގޮވާލާފައެވެ.

މި ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ބުނީ އެފަރާތްތަކުން ސީލައިފަށް ފައިސާ ދެއްކީ އެކަމުގައި އޭރުގެ ސަރުކާރުން އެއްބާރުލުން ދީފައިވާތީކަމަށާއި އެއީ ސަރުކާރަށްވެސް ކުރި އިތުބާރެއްގެ ސަބަބުންކަމަށެވެ. އެފަރާތްތަކުން ވަނީ މިމައްސަލަ ޙައްލުކުރުމަށް ޝަރުޢީ ކޯޓުތަކުންވެސް އިތުރަށް މަސައްކަތްކޮށްދިނުމަށް އެދިފައެވެ.

މި ހިނގާލުން ކުރިއަށްދިޔައިރު، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ އިންތިޚާބީ މެމްބަރު ޢަލީ ނިޔާޒު ވަނީ ހިނގާލުމުގެ ބައިވެރިންނާ ބައްދަލުކުރައްވާ އެމީހުންގެ ޝުއޫރުތައް އަޑުއައްސަވާ އެކަމުގައި ވެދެވެން އޮތް އެހީތެރިކަމެއް ދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

ފްލެޓް ވިއްކާނެކަމަށް ބުނެ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު އެފައިސާތަކަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާއިރު، މި މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް ދިވެހި ސަރުކާރުން އެދިފައިވާތީ އިންޓަޕޯލް އިން ވަނީ ރެޑް ނޯޓިސްވެސް ނެރެފައެވެ.

ފުލުހުން ވަނީ އެމައްސަލައިގެ ތަޙުޤީޤުގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ދަޢުވާ ކުރުމަށް އެދި ވަރަށް ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވާކަމަށްވެސް ވިދާޅުވެފައެވެ. އަދި މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުންވެސް މިމައްސަލައިގައި ގެއްލުން ލިބިފައިވާ ބަޔަކު ތިބިކަމަށް ތަޙްޤީޤުން އެނގޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް ފަރާތްތަކުން ވަނީ ފަންސާސްހާހަށްވުރެ ގިނަ ރުފިޔާ ދައްކާފައެވެ. ސީލައިފުން އަޅާދޭނެކަމަށް ބުނި ފްލެޓްތައް އަޅާނުދީ އެތައް އަހަރެއްވުމުން އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ. އަދި ސީ ލައިފްއާއި ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ގެންދަނީ ބަލަމުންނެވެ.