ޚަބަރު

ކުލަބް މޯލްޑިވްސް މިއަހަރު ވަރަށް ކާމިޔާބު - އަހުމަދު ގާސިމް



އެހެން އަހަރުތަކަށް ވުރެއް މިއަހަރު ކުލަބު މޯލްޑިވްސް ކަޕްގެ އިންތިޒާމްތަކާއި މުބާރާތުގެ ފެންވަރު ރަނގަޅުކަމަށް ކުލަބް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ގާސިމް ބުނެފިއެވެ.

މިއަހަރުގެ މުބާރާތް ހުޅުމާލޭގައި ކުރިއަށްދިޔަ ނަމަވެސް އެހެން ހުރިހާ އަހަރެއްގައި މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ވެލި ދަނޑުގައެވެ. ކުލަބް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ގާސިމް (އަހޫ)ބުނީ މިއަހަރުގެ މުބާރާތަކީ ފެންވަރުގެ ގޮތުން ވަރަށް ރަނގަޅު މުބާރާތެއްކަމަށާއި އިންތިޒާމްތަށްވެސް މިއަހަރުގެ މުބާރާތުގައި ވަރަށް ފުރިހަމަ ކަމަށެވެ. މިއަހަރުގެ މުބާރާތުގައި އެންމެ ބޮޑަށް ފާހަގަ ވެގެންގޮސްފައިވަނީ ޓީމްތަކުގެ ފެންވަރު މަތިވުމާއި ކުޅުންތެރިންގެ ހުނަރުވެސް ފުރިހަމައަށް ފެނުނު އަހަރެއްގެ ގޮތުގައި ކަމަށް އަހޫ ބުންޏެވެ.

އަހުމަދު ގާސިމް ބުނީ ޓާފް ދަނޑެއްގައި ކުޅުމުން ކުޅުންތެރިންނަށް އެކުޅުންތެރިންގެ ހުނަރު ވަރަށް ރަނގަޅަށް ދައްކާލެވިފައިވާއިރު އަންހެން މުބާރާތުގައި ވާދަކުރި ބިދޭސީ ކުޅުންތެރިންގެވެސް ތަފާތު ވަރަށް ބޮޑަށް މިއަހަރު ފެނިގެން ގޮސްފައިވާކަމަށެވެ. އަދި ޓާފް ދަނޑެއްގައި ކުޅުމުން ރެފްރީންނަށްވެސް މެޗް އިންސާފް ކުރުމުގައި ވަރަށް ބޮނޑަށް ފަސޭހަވެގެންދިޔަކަމަށް އަހޫ ބުންޏެވެ.

"މިއަހަރުގެ މުބާރާތް ވަރަށް ކާމިޔާބު. ކުރިން ވެލި ދަނޑުގައި ކުޅުނުއިރު ދިމާވާ ވަރަށް ގިނަ މައްސަލަތަށް މިއަހަރުވަނީ ހައްލު ކުރެވިފަ. އަންހެން މުބާރާތުގައި ކުޅުނު ބިދޭސީ ކުޅުންތެރިންގެ ހުނަރު ވަރަށް ރަގަނޅަށް މިއަހަރުވަނީ ދައްކާލާފަ. އަދި ކުލަބް މޯލްޑިވްސްގެ މުބާރާތުގައިވެސް ކުޅުންތެރިންގެ ހުނަރު ވަރަށް ރަގަނޅަށް ފެނިގެންދިޔަ. ޓީމްތަކުގެ ފޯރިވެސް އިތުރުވެ މުބާރާތުގެވެސް ފޯރި މިއަހަރު އެންހެން އަހަރުތަކަށް ވުރެއް ފޯރި ގަދަކަން ފާހަގަކޮށްލެވޭ." އަހުމަދު ގާޒިމް ބުންޏެވެ.

އެހެން އަހަރުތަކާއި އެއް ގޮތަށް މިއަހަރުވެސް ކުލަބް މޯލްޑިވްސް ކަޕްގައި 32 ޓީމް ވާދަކުރިއެވެ. އަދި އަންހެން އެއިޓީން ތާޓީރ ވުމެންސް ފުޓްސެލް ފިއެސްޓަރގައި 9 ޓީމް ވާދަކުރިއެވެ. ކުލަބު މޯލްޑިވްސްގެ ޗެމްޕިއަކަން ބީއެމްއެލްއިން ހޯދިއިރު، ވުމެންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލްއެވެ.