ޚަބަރު

ދޯނި ބަންޑުންޖަހާލާ ކަނޑުވި ދޮށީ އުމުރުގެ މީހާ ސަލާމަތްކޮށްފި


ހދ. ހަނިމާދޫން ވަދައި ނިކުމެ އުޅު ދޯންޏެއް ބަންޑުން ޖަހާލުމާއި ގުޅިގެން ކަނޑުވި
ދޮށީ އުމުރުގެ މީހާ ފުލުހުން ސަލާމަތްކޮށްފިއެވެ.



މިހާދިސާގައި ފުލުހުން ސަލާމަތްކޮށްފައިވަނީ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ.
ކަނޑުވެފައި ވަނިކޮށް ފުލުހުންގެ އެހީތެރި ކަމާއެކު ދޮށީ އުމުރުގެ މިމީހާ ސަލާމަތް
ކޮށްފައި ވަނީ މިއަދު ހަވީރު 17:10 އެހާކަންހާއިރުއެވެ.



ހދ. ހަނިމާދޫ އާއި ހއ. ބާރަށާއި ދެމެދު ކަނޑުއޮޅިއަށް ބަންޑުން ޖަހާލާފައިވާ
ދޯންޏާއި ކަނޑުވެފައިވާ ދޮށީ އުމުރުގެ މީހާ ފެނިފައިވަނީ ޕޮލިސް 30 ނަންބަރު
ލޯންޗްގައި ތިބި ފުލުހުންނަށް ކަމަށް ފުލުހުންގެ ވެބްސައިޓްގައި
ހާމަކޮށްފައިވެއެވެ.



މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ބަނޑުންޖަހާލާފައިވާ ދޯންޏަކީ
ހދ.ހަނިމާދޫން ވަދާ ނިކުމެ އުޅުނު ދޯންޏެއްކަމަށް ފުލުހުން ބުނެއެވެ. އަދި އެ
ދޯނީގައި ވަދާ ނިކުމެފައި ވަނީ 56 އަހަރުގެ މީހާ އެކަންޏެވެ.



" ދޮށީ އުމުރުގެ މީހާ ފެނިފައިވަނީ ބަންޑުންޖަހާލާފައިވާ ދޯނި މަތީ އިށީ
އިނދެގެން އިންދާ. ހއ. އަތޮޅުގައި
ފުލުހުން ބޭނުންކުރާ ޕޮލިސް 30 ނަންބަރު ލޯންޗް އެވަގުތު ދަތުރުކުރަމުން ދިޔައީ
ހއ. ދިއްދޫގައި ނިޔާވި ހއ. ބާރަށުގެ ރައްޔިތަކު އާއިލާގެ އެދުމުގެ މަތިން ބާރަށަށް
ގެންދިއުމަށް ފަހު އެނބުރި ބާރަށުން ދިއްދޫއަށް ދިއުމަށް. '' ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.



ކަނޑުވެފައިވާ ދޮށީ އުމުރުގެ މީހާއާއި ބަނޑުން ޖަހާލާފައިވާ ދޯނި މިހާރު ވަނީ
ހދ.ހަނިމާދޫއަށް ގެންގޮސްފައެވެ.