ޚަބަރު

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މިއަހަރު ބާއްވާ ފުރަތަމަ ފޯރަމް ބާއްވައިފި


މިއަހަރުގެ ރަމަޟާން މަހުގެ ރޭތައް ދިރުވާ އާލާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބާއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ކުރިއަށްގެންދިޔަ މި ފޯރަމްގައި ދަރުސް ދެއްވާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ. ކީރިތި ޤުރުއާނުގެ މާތްކަމާއި މަތިވެރިކަމާއި ގުޅޭގޮތުން ވަރަށް އެމަނިކުފާނު ވަނީ ތަފްޞީލުކޮށް ވަހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޤުރުއާނުގައި ބަޔާންކޮށްފައިވާ ކާއިނާތުގެ ސިއްރުތަކާއި ކުރީގެ އުއްމަތްތަކުގެ ވާހަކަތަކާއި ކީރިތި ޤުރުއާނުގައިވާ މުޢުޖިޒާތްތަކުގެ މައްޗަށް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

މި އިޙްޔާ ފޯރަމްގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ވަނި ކީރިތި ރަސޫލާ ދެއްކެވި ރިވެތި ނަމޫނާ ބަލައިގަނެ ރަސޫލާގެ ސުންނަތުން އިބްރަތް ހާސިލްކޮށް އެ ނަމޫނާގައި ހިފުމަށް ގޮވާލައްވާފައެވެ.

މި އިޙްޔާ ފޯރަމްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި ވަނީ އިސްލާމްދީނުގައި އެކަމެއްކުރުމުން އެތައް ދަރުމައެއް ލިބޭ 2 ކަމެއްގެ މަތިން މުޖުތަމަޢު ހަނދާން ނެތިފައިވާކަމަށާއި އެކަން އަލުން ދިރުވާ އާލާކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ އެ ދެކަމަކީ އެކަކު އަނެކަކު ފެންނަ ހިނދު ހިނިތުންވުމާއި މަގުމަތީގައި މީހުންނަށް ދަތިވާނެހެން ހުންނަތަކެތި އެއްފަރާތްކުރުންކަމަށެވެ. މި ކަމަކީ ވަރަށް އާދައިގެ ކަމެއް ނަމަވެސް މިއީ އިސްލާމް ދީނުގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ރިވެތި އާދަތަކެއް ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އިޙްޔާފޯރަމަކީ ރަމަޟާންމަހުގެ ރޭތައް ދިރުވާ އާލާކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ ޚާއްސަ ދީނީ ޕްރޮގްރާމެކެވެ. ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މުހިންމު ގިނަ މަޢުޟޫތަކަކަށް ބަލާލައި ދަރުސްތައް ދަނީ ގެނެސްދެމުންނެވެ.