ޚަބަރު

މުބާރާތްތައް ރާވާފައިވާގޮތަށް ކްލޮޕް ފާޑުކިޔައިފި


ޗެމްޕިއަންސް ލީގު ފައިނަލުގެ ހަތަރު ދުވަސް ފަހުން ނޭޝަންސް ލީގުގެ ސެމީ ފައިނަލް މެޗު ކުޅޭތީވެ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ފާޑުކިޔައިފިއެވެ.

އިނގިރޭސި ދެ ޓީމު ކަމަށްވާ ލިވަޕޫލާއި ޓޮޓެންހަމް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނާނީ ޖޫން އެއް ވަނަ ދުވަހު އެވެ. ނޭޝަންސް ލީގުގެ ސެމީ ފައިނަލް މެޗު ކުޅޭނީ ޖޫން ހަ ވަނަ ދުވަހުއެވެ. އިނގިރޭސި ގައުމީ ޓީމު މިވަގުތު އޮތީ މުބާރާތުގެ ސެމީ ފައިނަލުގައެވެ.

ކްލޮޕް ބުނީ އިނގިރޭސި ދެ ޓީމުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު ކުޅުންތެރިން ގައުމީ ޓީމުގެ މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނެތް ކަމަށާއި ކުޅުންތެރިންނާމެދު ވިސްނަން ޖެހޭ ކަމަށެވެ.

އޭނާ ބުނީ މިފަދަ މައްސަލަތައް ދިމާވެ ކުޅުންތެރިންގެ އަނިޔާވުމަކީ ރޭވުންތެރިކަން ދަށްވުމުން ދިމާވާ މައްސަލަތައް ކަމަށެވެ.

އިނގިރޭސި ކޯޗު ގެރެތް ސައުތް ގޭޓް ވެސް ވަނީ ޝެޑިއުލް ތާށިވުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ވަނީ މީގެ ކުރިން ވެސް އިނގިރޭސި ޓީމެއް ޗެމްޕިއަންސް ލީގު ފައިނަލަށް ގޮސްފިނަމަ ގައުމީ ޓީމުގެ މުހިންމު މެޗުތަކަށް ތައްޔާރުވާން ދަތިވާނެ ކަމަށް ބުނެފައެވެ.