ކުޅިވަރު

މިއަންނަ އަހަރު ބަޖެޓްގައި މަޝްޢޫތައް ހިމެނުމަށް ރައްޔިތުންނާއި މަޝްވަރާ ކުރަނީ


މިއަންނަ އަހަރުގެ ބަޖެޓްގައި ޖަހާނީ ރައްޔިތުން ބޭނުންވާ ކަންތައްތައްކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެއްވެސް ވަރަކަށް ބެލުމެއްނެތި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުޓްސެލް ދަނޑުތަށް އަޅާފައިވުމުން. ރަށްރަށުގައި ފުޓްސެލް ދަނޑުތަށް އަޅާފައިވާއިރު ބައެއް ރަށްރަށުގައި ފުޓްބޯޅައަށް ވުރެއް ބޮޑަށް އެހެން ކުޅިވަރުތަށް ކުޅޭކަންވެސް ފާހަގަކޮށްލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިސާއިން މިހާ ބޮޑު ހޭދައެއް ކުރާއިރު އެފައިސާ ބޭނުން ކުރެވެނީ އެންމެ އެކަށީގެންވާ ގޮތުގައި ތޯވެސް ބެލުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު ޒިންމާއެއްކަމަށް މަހުލޫފް ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގައި ފުޓްސެލް ދަނޑުތަކާއި ކޯޓްތަށް އަޅަން ނިންމާފައިވާއިރު، ބައެއް ފަރާތްތަކުގެ އެހީތެރިކަންވެސް މިދަނޑުތަކާއި ކޯޓްތަށް އެޅުމުގައި ލިބޭނެކަމުގެ ފެހި ސިގްނަލް މިހާރު ލިބިފައިވާކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ރައްރަށުގައި އަޅާ ދަނޑުތަކާއި ކޯޓްތަށްވެސް އަޅާނީ އެރަށެއްގެ ކައުންސިލްއާއި ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ފަހުގައިކަމަށާއި ރައްޔިތުންގެ މަޖްލީހަށް އަލަށް ހޮވިވަޑައިގެންނެވި ވަރަށް ގިނަ މެބްބަރުންނާއި ބައްދަލުކޮށް އެދާއިރާތަކަށް އެންމެ ބޭނުންވާ ކަންތަށްތަށްވެސް މިހާރު އޮޅުން ފިލުވަމުންދާކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

"ވަރަށް ގިނަ ދަނޑުތަކާއި ކޯޓްތަށް އެބަހުރި މިނިސްޓްރީ ދަށުގައި ނެތްތަންތަށް. އެތަންތަން މިހާރުދަނީ ހަލާކުވެ، ވީރާނާވަމުން. މިހާރު މިދަނީ އެތަންތަންވެސް ޔޫތް މިނިސްޓްރީގެ ދަށަށް ގެނެސް އެތަންތަށް މަރާމާތު ކުރަމުން. މިހާރު ރޯދަ މަސް ނިންމާފަ ޔޫތް މިނިސްޓްރީން ބައެއް ރަށްރަކަށް ޒިޔާރަތް ކުރުމަށްވަނީ ހަމަޖެހިފަ އެއީވެސް ރައްޔިތުންގެ އިހުސާސްތަށް ދެނެގަންނަން ކުރާ މަސައްކަތް. މީގެ އިތުރުން ރައީސްގެ ފަރާތުންވެސް ބައެއް ފަރާތްތަކުން ރައްރަށަށް ޒިޔާރަތް ކުރުމަށްވަނީ ހަމަޖެހިފަ. މީއީވެސް އިތުރަށް ރައްޔިތުންގެ ކަންތަށްތަށް ބެލުމަށް ކުރާ ދަތުރުތަކެއް. ރަށެއްގައި ދަނޑެއް އަޅާނީ މެދުވެގެން 10 އަހަރަށް ބޭނުން ކުރެވޭ ގޮތަށް. ޓާފްއެއް ފަތުރާލުމަކީ އަޅުގަނޑުމެން ކުރާނެކަމެއްނޫން." ޔޫތް މިނިސްޓަރ މަހުލޫފް ބުންޏެވެ.

ޔޫތް މިނިސްޓްރީން މިހާރު އަޅަން ނިންމާފައިވާ 25 ދަނޑު އެޅުމަށް 100 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ހަރަދުވާއިރު، އެފައިސާ ހަރަދު ކުރެވެނީ އެންމެ އެކަށީގެންވާ ގޮތުގައިކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.