ޚަބަރު

ޖަލުތަކުގެ ޖާގައާއި ސެކިއުރިޓީ އިތުރުކުކުރާނެ ގޮތެއް ބަލަނީ


ޖަލުތަކުގައި ޖާގަ އިތުރުކުރުމަށާއި، ޖަލުތަކުގެ
ސެކިއުރިޓީ ވަރުގަދަ ކުރުމަށް އެޅިދާނޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތްތައް
ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ. 

އެގޮތުން އެ
ސަރވިސްގެ އިސްވެރިން މިހާރު ގެންދަވަނީ މާލެ ސަރަހައްދުގެ ޖަލުތަކަށް
ޒިޔާރަތްކޮށް، ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ހުރި ފުރުސަތުތައް ހޯދަމުންނެވެ. 

ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުސާމް ހޯމަ ދުވަހު ވަނީ މިކަންކަން ދެނެގަތުމަށް
ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މާލެ އަތޮޅު
ހިތްމަފުށީގައި ހުންނަ އައްސޭރިޖަލަށް ޒިޔާރަތްކޮށް އެތަނުގެ ކަންތައްތައްވެސް
ކޮމިޝަނަރ އޮފް ޕްރިޒަންސް ބައްލަވާލައްވާފައިވެއެވެ. 

ރާއްޖޭގައި ހުރި އެންމެ ބޮޑު
ޖަލުކަމަށްވާ މާފުށީ ޖަލުގެ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރުމުގެ ގޮތުން އެތަނުގެ
ވަށައިގެން އުސް ފާރެއް ރޭނުމުގެ މަސައްކަތް ހޯމް މިނިސްޓްރީން މިހާރު ވަނީ
ފަށާފައެވެ. އަދި ޖަލުތަކުގެ ޖާގަ އިތުރުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް
މިއަހަރުގެ ތެރޭގައި ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ
އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.