މިއަންނަ އަހަރު ރާއްޖޭގައި ބޮޑީބިލްޑިންގެ ޖޫނިއަރ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ އެކްސްކޯ މެންބަރ އަލީ ރިފާޢު ބުނެފިއެވެ.
އަލީ ރިފާޢުއަކީ މިހާރު ސައުތް އޭޝިއަން ބޮޑީބިލްޑިންގް އެންޑް ފިޓްނެސް ފެޑެރޭޝަންގެވެސް އެކްސްކޯ މެމްބަރެކެވެ. މިއަހަރުގެ މިސްޓަރ މޯލްޑިވްސްގެ ކާމިޔާބީއާއި ބެހޭގޮތުން ވާހަކަދައްކަމުން ރިފާޢު ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަށް ގެންދެވުނު މިސްޓަރ މޯލްޑިވްސް މުބާރާތަށް ވުރެއް މިއަހަރުގެ މިސްޓަރ މޯލްޑިވްސް މުބާރާތް ކާމިޔާބުކަމަށާއި މުބާރާތް ބަލާލަން އައި ފަރާތަކުންވެސް އެކަން ވަރަށް ބޮޑަށް ފާހަގަ ކުރިކަމަށެވެ. މިއަހަރުގެ މުބާރާތަށް އެސޯސިއޭޝަންއިން ވަރަށް ބޮޑަށް ތައްޔާރުވީއިރު، އެތްލީޓުންވެސް މިއަހަރުގެ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެ، ރަގަނޅު ޝޯއެއްވެސް ދީފައިވާކަމަށް ރިފާޢު ބުނިފިއެވެ.
ބެޖެޓްގެ ދަތިކަމުންނާއި ސްޕޮންސަރުން ލިބޭ މިންވަރު މަދުކަމާއެކު މިހާރު ރާއްޖޭގައި ބޭއްވެނީ އެންމެ މުބާރާތެއްކަމަށާއި ނަމަވެސް މިއަންނަ އަހަރު ރާއްޖޭގައި އިތުރު މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރަމުންދާކަން ރިފާއު ފާހަގަކުރިއެވެ. އަދި މިމުބާރާތް ހާއްސަކޮށްލާނީ ޖޫނިއަރ ކުދިންނަށްކަމަށާއި ޖޫނިއަރ ކުދިންނަށް މިކުޅިވަރު ތަޢާރަފްކޮށް ކުރިއަރުވަން ޖެހޭކަމަށްވެސް އަލީ ރިފާޢު ބުނިފިއެވެ. މީގެކުރިން އިތުރު މުބާރާތެއް ބޭއްވުމަށް އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ އެސޯސިއޭޝަންއަށް ސަރުކާރުން ދޭ ބަޖެޓްގެ ތާށިކަން ކަމަށާއި އެސޯސިއޭޝަންއަށް ދޭ 1 ލައްކަ ރުފިޔާއަކީ ވަރަށް ކުޑަ މިންވަރެއްކަމަށްވެސް ރިފާޢު ބުނިފިއެވެ.
"މިއީ ވަރަށް ބޮޑު ޒިންމާއެއް. ކުރިން 1 ލައްކަ ދީފަ ނަމަވެސް މިސަރުކާރުން 5 ލައްކަ ރުފިޔާ ދޭން ނިމުމަކީ އެސޯސިއޭޝަންގެ ހިންގުން ހަރުދަނާ ކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ ވަރަށް ބޮޑު ހިއްވަރެއް. މިހާރު ކުރިއަށް އޮތް އަހަރު އިތުރު މުބާރާތެއް ބޭއްވުމަށްވެސްވަނީ ނިމްމާފަ. އެންމެ ބިޑު ގޮންޖެހުމަކީ އަމިއްލަ ޖިމްނޭޒިޔަމްއެއް ނެތުން. އޭތުން ޖިމް ބޭނުންކޮށްގެން އެސޯސިއޭޝަންއަށް އިތުރު ފައިދާވެސް ލިބޭނެ ގޮތް ހެދޭނެ. އެހެން ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ." އަލީ ރިފާޢު ބުންޏެވެ.