ޚަބަރު

ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް


ރާއްޖެއަކީ ފަތުރުވެެރިންނަށް މަޤްބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަވެފައިވާއިރު، މި ފަހަކަށް އައިސް ރިސޯޓުތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންނަށް މޫދުގައި ދިމާވާ އެކި ހިތާމަވެރި ހާދިސާތައް ގިނަވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

މިފަދަ ހާދިސަތައް ހިނގުން މަދުކޮށް ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުންވެސް ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރަނީ ރާއްޖޭގެ ރީތިކަމާއި ޗާލުކަން ދެކިލުމަށްކަމަށް އެކަންޏެއް ނޫނެވެ. 2016 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށް ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަނީ ރާއްޖޭގެ ރީތިކަމުގެ އިތުރުން، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ޕްރައިވަސީއާއި ރައްކާތެރިކަމުގެ ސަބަބުންނެވެ.

އެހެންނަމަވެސް ފާއިތުވި އަހަރާއި މިއަހަރުގެ ކުރީކޮޅު ފަތުރުވެރިންނަށް ދިމާވެފައިވާ ހިތަމަވެރި ޙާދިސާތަކަށް ބަލާއިރު، ކަންބޮޑުވާ މިންވަރަކަށް މިފަދަ ހާދިސާތައް އިތުރުވެފައިވާކަން ތަފާސްހިސާބުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރު މިފަދަ 45 ހިތާމަވެރި ހާދިސާ ހިނގާފައިވާއިރު މިއަހަރުގެ މާޗުމަހާ ހަމައަށް 43 ހާދިސާ ވަނީ ރިޕޯޓުކޮށްފައެވެ.

މިފަދަ ހާދިސާތައް އިތުރުވަމުންދާއިރު، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އޮތް އޮތުން އެގޮތުގައި ދެމެހެއްޓުމަށް ސަރުކާރުންދަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ފަތުރުވެރިންނަށް ދިމާވާ ޙާދިސާތައް މޮނީޓަރކޮށް ޙާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބު ދެނެގަތުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ދަށުންވަނީ ޚާއްސަ ކޮމިޓީއެއްވެސް އުފައްދަވާފައެވެ.

މިއަހަރުގެ ޖެނުއަރީމަހު މިމަސައްކަތް ފަށާފައިވާއިރު މިހާތަނަށް މިނިސްޓްރީންވަނީ ފަތުރުވެރިންނަށް މިފަދަ ހާދިސާތައް ދިމާވެގެން ރިޕޯޓުކޮށްފައިވާ ސަރަޙައްދުތަކަށް ޚާއްޞަކޮށްގެން ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން ފުލުހުންނާއި ސިފައިންނާއި ކައުންސިލްތައް ގުޅިގެން ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ސަބަބުންވެސް މިސަރަޙައްދުތަކުގައި ހިނގާ ޙާދިސާތައް ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ. އެހެންނަމަވެސް މިއީ ދާއިމީ ޙައްލަކަށް ނުވާތީ މިކަމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް މިހާރު މިނިސްޓްރީންގެންދަވަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން މޫދުގައި ހިނގާ އެކި ޙާދިސާތައް މަދުކުރުމަށް ވޯޓަރ ސޭފްޓީ ޕްރޮގްރާމެއް ފަށާފައިވާއިރު، މިޕްރޮގްރާމްގެ ދަށުން ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް މީހުން މޫދަށް އެރޭ ސަރަޙައްދުތަކުގައި ބަހައްޓާފައި ހުންނަކަހަލަ މަޢުލޫމާތު ބޯޑުތައް ރާއްޖެއަށްވެސް ވަނީ ތަޢާރަފްކޮށްފައެވެ. އަދި މޫދަށް އެރޭ ސަރަޙައްދުތަކުގައި ހުރިހާ ވަގުތެއްގައި ޙަރަކާތްތެރިވާނެ ލައިފްގާޑުން ތަމްރީންކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ލައިފްގާޑުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ އެންމެ ފުރަތަމަ ފިޔަވަހީގައި ބ.ދަރަވަންދޫ، އއ.ރަސްދޫ، ތޮއްޑޫ، އުކުޅަސް، އދ.ދިގުރު، ހަންޏާމީދޫ، ކ.ދިއްފުށި، ގުޅި، ގުރައިދޫ، ހިންމަފުށި، ހުޅުމާލެ، މާލެ، ހުރާ، ތުލުސްދޫ، ވިލިނގިލި، ވ.ތިނަދޫ، ލ.ގަން އަދި ސ.ހިތަދޫގައި ތަމްރީނު ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ދަށުން ތަމްރީނުކުރާ ލައިފްގާޑުންނަކީ ސަރުކާރު މުވައްޒަފުންގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާއިރު އެންމެ ފުރަތަމަ މި ޕްރޮގްރާމް ހިނގުމަށް އިސްކަން ދީފައިވަނީ 100 އަށްވުރެ ގިނަ އެނދު ހުންނަ ގެސްޓްހައުސް ހުރި ރަށްރަށަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ނައުޝާދު މުޙައްމަދު ވިދާޅުވީ ރާއްޖޭގައި މިކަން ކުރިންވެސް ކޮށްފައިވާއިވާކަމަށާއި އޭރުވެސް މިހާރުވެސް ދިމާވާ އެންމެ ބޮޑުގޮންޖެހުމަކީ ލައިފްގާޑުން ހޯދުމުގެ މަސައްކަތްކަމަށެވެ.

"މިއެސެސްމެންޓްގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން، ގެނބޭ ސަރަޙައްދުތައް ނުވަތަ އެހެންގޮތަކަށް ބުނާނަމަ ބްލެކްސްޕޮޓްސް ތަކަކީ ކޮބައިތޯ. ޢާއްމުކޮށް ދިވެހިންވެސް ރަށަކަށްގޮސް ގެނބުމުގެ ކަމެއް ދިމާވެއްޖެނަމަ އެރަށެއްގެ ރައްޔިތުން އެބަބުނޭ، އެތާ ގެނބޭ ސަރަޙައްދެއް އޮންނާނެޔެ. އެހެންނަމަވެސް ރަށުން ބޭރުން އަރާބަޔަކަށް ނޭނގޭނެ އެރަށެއްގައި އެފަދަ ތަނެއް އޮންކަމެއް. އަދި އަމުދުން ޓޫރިސްޓުންނަށް އެއަށްވުރެ އުނދަގޫވާނެ. ޓޫރިސްޓުންނަށް ނޭނގޭ މޫދުގެ ކުލަ ބަދަލު ވީމަވެސް މިއީ ތިލަ ސަރަޙައްދެއްކަން ނުވަތަ ފުން ސަރަޙައްދެއްކަން. މެޕިންގ ހަދާއިރު ބޮޑަށް މިބަލަނީ މިސަރަޙައްދުތައް ވަކިކުރުމަށް. ދެން އޭގެފަހުން އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް. އެކަންވެސް ކުރަނީ އެކި ރަށްރަށަށް ބޭނުންވާ ކަންކަން ބެލުމަށްފަހު." ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ގެސްޓްހައުސް ވިޔަފާއިރިތަކަށް އަމާޒުކޮށްގެން މިޕްރޮގްރާމް ފެށިނަމަވެސް ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވޯޓަރ ސޭފްޓީގެ ޚިދުމަތް ދޭންފެށުމެވެ.

ގުދުރަތީގޮތުން އެހެން ޤައުމުތަކާއި ޚިލާފަށް ރާއްޖެއަކީ ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށްވެފައި ރާއްޖެއަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ތިމާވެއްޓާއި މޫދު ސަރަހައްދުގެ ފުރިހަމަ މަޢުލޫމާތު ލިބިފައިހުރުމަކީ ހިތާމަވެރި ހާދިސާތައް ހިނގާ މިންވަރު މަދުކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅަކަށްވާނެއެވެ.