އިނގިރޭސި އެފްއޭކަޕް ފައިނަލުގައި މިއަދު ވަޓްފޯޑް ބަލިކުރަން އުނދަގޫވާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ސީޒަނުގައި ތިން ވަނަ ތަށި ހޯދުމަށް ނިކުންނަ ޓީމުގެ ކޯޗު ބުނީ ވަޓްފޯޑާއި ވުލްވުސް އަކީ ޕްރެމިއާ ލީގުގެ ގަދަ ހަޔަކުން ބޭރުގައި ތިބި އެންމެ މޮޅު ދެ ޓީމު ކަމަށެވެ.
އަދި ވަޓްފޯޑުގެ ކޯޗު ހާވިއާ ގާސިއާ އަކީ އެކި ގައުމުތަކުގައި މަސައްކަތްކޮށްފައި ހުރި މޮޅު ކޯޗެއްކަމަށާއި، އެޓީމުގެ ފިޒިކަލް ކުޅުންތެރިން ވަރަށް ގިނައިރު، ހިލޭ ޖެހުންތަކާއި ކޯނަރުތަކުގައި ވަޓްފޯޑު ހިފަހައްޓަން އުނދަގޫވާނެކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ތަށި ލިބުނަސް ނުލިބުނަސް މި ސީޒަނަކީ ސިޓީއަށް ކާމިޔާބު ސީޒަނަކަށްވާނެ ކަމަށެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ތިން ތަށީ ހޯދާ އިނގިރޭސި ޓީމަކަށްވުމަކީ ވަރަށް ހާއްސަ ކާމިޔާބީއަކަށްވާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.
ވަޓްފޯޑްގެ ކޯޗު ހާވިއާ ގާސިއާ ބުނީ އޭނާގެ ޓީމުން ޑިފެންސަށް ވިސްނައިގެން ނުކުޅޭނެ ކަމަށެވެ. އަދި އޭނާ ސްޕޭނުގައި ކޯޗުކޮށްދިންއިރު ބާސެލޯނާ ފަދަ ޓީމުތައް ބަލިކުރަން ބޭނުންކުރި އުކުޅުތައް މެޗުގައި ބޭނުން ކުރާނެ ކަމަށެވެ.