ޚަބަރު

ޗިކުންގުންޔާ ޖެހިގެން އެއްވެސް ކުއްޖަކަށް އައިސީޔޫގައި މިހާރު ފަރުވާދެމުންނުދޭ - އައިޖީއެމްއެޗު


ޗިކުންގުންޔާ ޖެހިގެން ހާލު ދެރަވި އެއްވެސް ކުއްޖަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި މިހާރު ފަރުވާ ދެމުން ނުދާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ޢަބްދުލް މުމީތު ވިދާޅުވީ ޗިކުންގުންޏާ ޖެހިގެން ހާލު ސީރިއަސްވި އެއްވެސް މީހަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން ނުދާކަމަށާއި މީޑިއާތަކުގައި ދެކެވެމުންދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ.

އެހެންނަމަވެސް ޗިކުންގުންޔާ ޖެހިގެން ހާލު ސީރިއަސްވި ކުއްޖަކަށް އެހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަން އޭނާވަނީ ފާހަގަކުރައްވާފައެވެ. އައިޖީއެމްއެޗުން މިގޮތަށް ހާމަކޮށްފައިމިވަނީ އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރ ޑރ.ފައިސަލް ކުރެއްވި ޓުވީޓަކާއި ގުޅިގެން މީޑިއާތަކުގައި އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި 2 ކުއްޖަކަށް ފަރުވާދެމުންގެންދާކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ޢަބްދުލް މުމީތު ވިދާޅުވީ އެހޮސްޕިޓަލުގެ އައިސީޔޫގައި ހާލުދެރަ ކުދިންތަކަކަށް ފަރުވާދެމުންގެންދާކަމަށާއި އެހެންނަމަވެސް ޗިކަންގުންޔާ ޖެހިގެން އެއްވެސް ކުއްޖަކަށް ފަރުވާ ދެމުން ނުދާކަމަށެވެ.

އައިޖީއެމްއެޗުން މިހެން ވިދާޅުވެފައިވާއިރު އިތުބާރުހުރި މަސްދަރަކުން ޕީއެސްއެމްނިއުސްއަށްވަނީ އައިސީޔޫގައި އަދިވެސް ކުއްޖަކަށް ފަރުވާދެމުންގެންދާކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެކުއްޖާގެ ޙާލު މިހާރު ރަނގަޅުވަމުން އަންނަކަމަށްވެސް އެފަރާތުންވަނީ މައުލޫމާތުދެއްވާފައެވެ.

ޗިކަންގުންޏާގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 846 ކޭސް ރިޕޯޓުކޮށްފައިކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އަދި މިއީ 2006 ވަނަ އަހަރު އައި ޗިކުންގުންޏާ އައުޓްބްރޭކަށްފަހު އެންމެ ގިނައިން ޗިކަންގުންޏާ ޖެހިގެން ރިޕޯޓުކުރަމުންދާ ދުވަސްވަރުކަން އެއިދާރާއިން ފާހަގަކުރެއެވެ. ޗިކުންގުންޏާގެ ކޭސްތައް އިތުރުވަމުންދާއިރު މަދިރީގެ ޒަރިއްޔާއިން ޖެހޭ މިބަލިން ސަލާމަތްވުމަށް މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.